ސްރީ ލަންކާގެ އަރުގަމް ބޭއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީ އިން އިއްޔެ އިލްތިމާސްކޮށްފި އެވެ.
އެމްބަސީ އިން ވަނީ މި ދުވަސްވަރު އެ ސަރަހައްދު ނުރައްކާތެރި ކަމަށް ބުނެ ސެކިއުރިޓީ އެލާޓެއްވެސް ނެރެފަ އެވެ.
އެމްބަސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އަރުގަމް ބޭގެ ފަތުރުވެރިން ގޮސް އުޅޭ ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އެ އެމްބަސީއަށް ލިބިފައިވެ އެވެ. މި ސަބަބަށްޓަކައި، ވަކި ގޮތެއް އަންގަންދެން އެމްބަސީގެ ހުރިހާ މުވައްޒަފުންނާއި އިސްވެރިން އެ ސަރަހައްދަށް ދަތުރުކުރުން މަނާކޮށްފައިވާ ކަމަށް އެމްބަސީން މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން، އެމެރިކާގެ ރައްޔިތުންވެސް ވަކި ގޮތެއް އަންގަންދެން މިފަދައިން އަމަލުކުރުމަށް އެމްބަސީން އިލްތިމާސްކޮށްފައިވެ އެވެ. އަދި ނުރައްކަލެއް އަތުވެއްޖެ ކަމަށް ޝައްކުވާ ހާލަތެއްގައި ލަންކާ ފުލުހުންނަށް ވަގުތުން ރިޕޯޓްކުރުމަށް އަންގާފައިވެ އެވެ.
އެމްބަސީގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ބޭރަށް ދިއުމުގައި މޮބައިލް ފޯންތައް ހިފައިގެން އުޅުމަށާއި، ޚަބަރުތައް ހޯދުމުގައި ސަމާލުވުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.
އަރުގަމް ބޭއަކީ ލަންކާގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް ކަމަށްވާތީ، މި އިންޒާރާ ގުޅިގެން އެ ސަރަހައްދަށް ކުރާ ދަތުރުތަކަށް އަސަރުކުރާނެ ކަމަށް ބެލެވެ އެވެ. މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އެމްބަސީން ބުނެފައިވެ އެވެ.