ހަމާސްގެ އާ ލީޑަރު ޔަހްޔާ ސިންވާރް މަރުވެފައިވޭތޯ ބަލަމުންދާ ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުނެފި އެވެ.
އަލް އަރޭބިޔާ އިންގްލިޝްއިން ރިޕޯޓްކުރި ގޮތުގައި އިޒްރޭލުގެ ކެބިނެޓަށް އެގައުމުގެ ދެ ސިފައިންގެ މީހުން ވަނީ ސިންވާރް މަރުވި ކަމުގެ ފުރުސަތު ބޮޑުކަމަށް މައުލޫމާތު ދީފަ އެވެ. އެ ދެ ސިފައިން ހިމެނޭހެން އަސްކަރިއްޔާއިން ގައްޒާގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ހަމާސްގެ ތިން ހަނގުރާމަވެރިންނެއް މަރުވެފައިވާ ކަމަށް އެމީހުން މައުލޫމާތުދީފަ އެވެ، ނިމިދިޔަ އަހަރު އިޒްރޭލަށް ހަމާސްއިން ދިން ހަމަލާގެ އެންމެ އިސް މޭސްތިރިއަކީ ސިންވާރެވެ. ސިންވާރްގެ ހަށިގަނޑު އެ ތިން ހަނގުރާމަވެރިން ތެރޭގައި ހިމެނުމުގެ ފުރުސަތު ބޮޑުކަމަށް އިޒްރޭލުން ރިޕޯޓްކުރި އެވެ.
އިޒްރޭލުގެ މީޑިއާތަކުން ފެތުރި މި ހަބަރު ގަބޫލުނުކޮށް އެ ޖަމާއަތުން ބަޔާނެއް ނެރެންދެން މަަޑުކުރުމަށް ހަމާސްއިން ގައްޒާ ރައްޔިތުންގެ ކިބައިން އެދިފައި ވެއެވެ.
މީގެ ކުރިން އިޒްރޭލުން ވަނީ ހަމާސް އާއި ހިޒްބުﷲގެ އިސް ކޮމާންޑަރުންތަކެއް މަރާލާފަ އެވެ. އޭގެ ތެރޭގައި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާއާއި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރަﷲ ހިމެނެ އެވެ. ހަނިއްޔާގެ މަރަށްފަހު ސިންވާރް އެ މަގާމަށް އިސްކޮށްފައި ވެއެވެ.