އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ފާއިތުވި ހަފްތާގައި ބޭއްވުނު ޑިސްޓްރިކްޓް ޑިވެލޮޕްމަންޓް ކައުންސިލްގެ އިންތިޚާބުގައި އިންޑިއާގެ ވެރިކަންކުރާ ބަހަރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ބޮޑު ނާކާމިޔާބެއް ލިބިއްޖެ އެވެ.
ޓީއާރްޓީ ވޯލްޑްއިން ރިޕޯޓްކުރި ގޮތުގައި މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ ކަޝްމީރުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ ނެޝަނަލް ކޮންފަރެންސް (އެންސީ) އިންނެވެ. އެގޮތުން ރަސްމީ ނަތީޖާތަކުން ދައްކާގޮތުގައި 90 ގޮނޑީގެ މަޖިލީހުގައި އެންސީ އިން 42 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ބީޖޭޕީ އިން ކާމިޔާބުކޮށްފައިވަނީ 29 ގޮނޑި އެވެ. މީގެ އިތުރުން އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކޮންގްރެސްއިން 6 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ.
މި އިންތިޚާބަކީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ކަޝްމީރުގެ ޚާއްޞަ ހައިސިއްޔަތު ނިގުޅައިގަތުމާ ގުޅިގެން ބޭއްވުނު ފުރަތަމަ އިންތިޚާބެވެ. އެހެންކަމުން، މި އިންތިޚާބު ބެލެވެނީ މޯދީ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ދިން ވޯޓެއްގެ ގޮތުގަ އެވެ.
އެންސީގެ ގޮނޑިތައް މައިގަނޑު ގޮތެއްގައި ކާމިޔާބުކޮށްފައިވަނީ މުސްލިމުން ގިނަ ކަޝްމީރު ވާދީން ނެވެ. އަދި ބީޖޭޕީގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ހިންދޫން ގިނަ ޖައްމޫ ސަރަޙައްދުން ނެވެ.
މި އިންތިޚާބު ބޭއްވުނީ ތިން މަރުޙަލާއެއްގެ މައްޗަށެވެ. ނަމަވެސް މާހިރުން ބުނާ ގޮތުގައި މި ނަތީޖާއިން ކަޝްމީރުގެ ރައްޔިތުންނަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އެއީ ލޯކަލް ސަރުކާރަށް މާބޮޑު ބާރެއް ނޯންނާނެތީ އެވެ.
އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ބާރު ގެއްލުމުން މޯދީ ސަރުކާރުގެ ފެޑެރަލް ސިޔާސަތުތަކަށް މާބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް، މަހާރާޝްޓްރާ އަދި ޖާރްކަންޑް ފަދަ ސިޔާސީ ގޮތުން މުހިންމު ސްޓޭޓްތަކުގެ އިންތިޚާބުތަކުގެ ކުރިން ބީޖޭޕީއަށް ލިބުނު ނާކާމިޔާބީއެއްގެ ގޮތުގައި މިކަން ބެލެވޭނެ އެވެ.