ކަރާޗީ އެއާޕޯޓް ކައިރީގައި ހިންގި ހަމަލާއެއްގައި ޗައިނާ ވަފްދުން 2 މީހަކު މަރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓް ކައިރީގައި ހިންގި ހަމަލާއެއްގައި ޗައިނާގެ ހާރިޖީ ވަފްދުގެ 2 މީހަކު މަރުވެއްޖެ އެވެ.

އޭއެފްޕީ އިން ރިޕޯޓްކުރި ގޮތުގައި ތެޔޮ ބައުޒަރެއްގައި ރޯކޮށްގެން ހިންގި މި އަމަލަކީ ޕާކިސްތާނުގެ ހަރުކަށި ފިކުރުގެ ޖަމާއަތުން ޒިންމާ ނަގާފައިވާ ހަމަލާއެކެވެ. ރޭ ހިންގި މި ހާދިސާގައި ތެޔޮ ބައުޒަރުގައި އަލިފާން ރޯކުރުމުން ޗައިނާގެ ވަފްދެއް ހުރި އުޅަނދެއްގައިވެސް ރޯވި އެވެ. އަދި 8 މީހަކަށް އަނިޔާވެފައި ވެއެވެ. އޭގެ ތެރޭގައި ޗައިނާގެ ވަފްދުގެ ސެކިއުރީޓީ ބެލެހެއްޓި ފުލުހުންވެސް ހިމެނެ އެވެ.

ކަރާޗީގެ އެއާޕޯޓުގެ ބޭރުގައި ބަލޫޗް ލިބަރޭޝަން އާމީން ދިން މިހަމަލާއަކީ އެގައުމުގައި ދިރިއުޅޭ ޗައިނާ މީހުންނަށް އަމާޒުކޮށްގެން އެންމެ ފަހުން ދިން މަރުގެ ހަމަލާ އެވެ. މި ހަމަލާ ދީފައިވަނީ ޗައިނާއާއި ރަޝިޔާއިން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓެއް ޕާކިސްތާނުން ބާއްވަން ފެށުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ނެވެ.

ފުރަތަމަ ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ދިނީ ފުށުއަރާ ތަފްސީލުތަކެއް ކަމަށް އޭއެފްޕީ އިން ބުންޏެވެ. ތެޔޮ ޓޭންކަރުތައް އަމިއްލައަށް ގޮވި ކަމަށް ވެދާނެ ކަމަށް ބުނެފައިވީ ނަމަވެސް ފަހުން ފުލުހުން ވަނީ އެއީ ބޮމުގެ ހަމަލާއެއްކަން ކަށަވަރުކޮށްދީފަ އެވެ. މިހާރު ޕާކިސްތާނުގެ ކައުންޓާ ޓެރަރިޒަމް އިދާރާއިން ދަނީ މި ހާދިސާ ތަހުގީގު ކުރަމުން ނެވެ.

ޕާކިސްތާނުން ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޫޗް ލިބަރޭޝަން އާމީ ޖަމާއަތުގެ ތަރުޖަމާނު ޖުނައިދު ބަލޫޗް ހޯމަ ދުވަހު ބުނީ އެމީޖަމާއަތަށް ނިސްބަތްވާ ޖާނުން ފިދާވުމުގެ ހަމަލާއެއް ދިން މީހުންގެ ތެރެއިން އެކަކު އެއާޕޯޓުން ނުކުންނަނިކޮށް ޗައިނާގެ އިންޖިނިއަރުންނާއި އިންވެސްޓަރުންގެ ކޮންވޯއީއަށް ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ.

ބަލޫޗް ލިބަރޭޝަން އާމީ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ހަމަނުޖެހުން ބޮޑު ބަލޫޗިސްތާން ޕްރޮވިންސްގަ އެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގެ އެހެން ހިސާބުތަކުގައި ދިރިއުޅުނު ބިދޭސީންނާއި ސަލާމަތީ ބާރުތަކަށް ވެސް އެ ޖަމާއަތުން ހަމަލާދީފައިވެ އެވެ. ބަލޫޗް މީހުންނާއި ދޭތެރޭ ސަރުކާރުން ތަފާތުކުރާ ކަމަށް ބުނެ ބަލޫޗް ލިބަރޭޝަން އާމީ އިން ދަނީ އަމިއްލަ ސިޔާދަތީ ބާރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ނެވެ.

ޕާކިސްތާނުގައި ޗައިނާގެ އެތައް ހާސް މަސައްކަތްތެރިންނެއް ދިރިއުޅެމުންދަނީ ޗައިނާގެ ބިލިއަން ޑޮލަރުގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މަސައްކަތްތަކެއް ކުރުމަށެވެ. ބަލޫޗް ލިބަރޭޝަން އާމީ އިން ވަނީ އެ ސަރަހައްދުގައި ޗައިނާ މީހުން މަސައްކަތްކުރުން ހުއްޓުވުމަށް ތަކުރާރުކޮށް އިންޒާރުދީފަ އެވެ. 2018 ވަނަ އަހަރުވެސް ޕާކިސްތާނުގައި ހުންނަ ޗައިނާ އެމްބަސީއަށް މި ޖަމާއަތުން ހަމަލާދީފައި ވެއެވެ. ގަޑިއިރުތަކެއް ވަންދެން ދިން ބަޑީގެ ހަމަލާ ބަދަލުކުރުންތަކެއްގައި ޕާކިސްތާނުގެ 2 އާންމުންނާއި 2 ފުލުހަކު މަރުވެފައި ވެއެވެ. އަދި ހަމަލާ ފެށި ބީއެލްއޭގެ 3 ޓެރަރިސްޓުންވެސް މަރުވެފައި ވެއެވެ.

އޭޕްރީލް މަހު ޖަޕާނުގެ ފަސް މަސައްކަތްތެރިންނަނެއް ކަރާޗީގެ ފެކްޓްރީއަކަށް ދާން އުޅެނިކޮށް ޖާނުން ފިދާވާން ބޮން ގޮއްވާލި މީހަކު އެމީހުންގެ ވޭނަށް ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވެއެވެ. އެ ހަމަލާގައި އޭނާ މަރުވި ނަމަވެސް، އިތުރު އެހެން މީހަކަށް އެއްވެސް އަނިޔާއެެއް ލިބިފައި ނުވެ އެވެ.

2022 ވަނަ އަހަރު ޔުނިވާސިޓީ އޮފް ކަރާޗީ ކެމްޕަހުގައި ޗައިނާގެ ތިން ޓީޗަރުންނާއި އެމީހުންގެ ޕާކިސްތާނުގެ ޑްރައިވަރު ދަތުރުކުރަމުންދިޔަ ވޭން ތެރޭގައި ބޮމެއް ގޮވާފައި ވެއެވެ. އެ ހަމަލާގައި އެ 4 މީހުން މަރުވެފައި ވެއެވެ.

ބަލޫޗިސްތާންއަކީ ޖާގައިގެ ގޮތުން ބޮޑު އެހެން ނަަމަވެސް މަދު ބައެއް އާބާދުވެފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ތެލާއި މައުދަނުން މުއްސަނދި ސަރަހައްދެކެވެ.

ޕާކިސްތާން ޗައިނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ