ތައިލޭންޑްގެ ވެރިރަށް ބެެންގްކޮކްގެ ސްކޫލު ބަހެއްގައި ރޯވެގެން ކުޑަކުދިން މަރުވި ހަދިސާ ހިނގި ގަޑީގައި ބަސް ދުއްވި ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ސީއެންއެން އިން ރިޕޯޓްކުރި ގޮތުގައި އިއްޔެ މި ހާދިސާ ހިނގި ގަޑީގައި 39 ދަރިުވަރުންނާއި 6 ޓީޗަރުން ބަހުގައި ތިއްބެވެ. މި ހާދިސާގައި މަރުވި 23 މީހުންގެ ތެރޭގައި ޓީޗަރުންތަކެއްވެސް ހިމެނެ އެވެ.
އަނގާރަ ދުވަހު އެލިމެންޓަރީ އަދި ޖޫނިއާ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ހަ ޓީޗަރުންނާއި 39 ދަރިވަރުންނާއެކު ދަތުރުކުރަމުން ދިޔަ ބަސް ދަތުރުކުރަމުން ދިޔައީ ބެންކޮކްގެ އުތުރުން ގާތްގަނޑަކަށް 300 ކިލޯމީޓަރު (186 މޭލު) ދުރުގައި އޮންނަ އުތައި ތާނީ ޕްރޮވިންސުން އަޔުއްތަޔާ އަދި ނޮންތަބުރީ ޕްރޮވިންސަށެވެ.
އަލިފާންގަނޑު ފެށުނީ ވެރިރަށް ބެންގްކޮކްގެ އުތުރުން އޮންނަ ހައިވޭއެއްގައި ބަސް ދުއްވާފައި ދަނިކޮށެވެ. އަލިފާންގަނޑު ހަލުވި މިނެއްގައި އަވަހަށް ފެތުރިގެން ދިޔައީމަ، ބަހުގައި ތިބި މީހުންނަށް ސަލާމަތްވާނެ ފުރުސަތެއް ނުލިބުނު ކަމަށް ސީއެންއެން އިން ރިޕޯޓްކުރި އެވެ.
ތައިލޭންޑް ފުލުހުން ބުނީ ބަސް ރޯވެ، އަލިފާން ނިއްވަން ގިނަ ވަގުތު ނަގާ، ބަހުގެ ތެެރެއަށް ވަދެވޭ ވަރަށްވުރެ ހޫނުމިން ގަދަކަމުން، މަރުވި މީހުންގެ ހަށިތައް އާއިލާއާއި ހަވާލުކުރެވުނީ މިއަދުގެ ވަގުތެއްގަކަމަ ށެވެ.
ފުލުހުން ބުނީ ސަމަން ޗަންޕޫތު ނަމަކަށް ކިޔާ ޑްރައިވަރު އެ އަލިފާނުގެ ހާދިސާ ހިނގިތާ އެތައް ގަޑިއިރެއް ފަހުން އަންގާރަ ދުވަހުގެ ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް އައިސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ފަރުވާކުޑަކޮށް ދުއްވައިގެން މީހުން މަރުވުމާއި، އެހެން މީހުންނަށް އެހީތެރިވުމުގެ ފުރުސަތު ނުދީ އެކްސިޑެންޓް ރިޕޯޓް ނުކުރުމުގެ ދައުވާ ކަމަށެވެ.
ޑްރައިވަރު ފުލުހުން ކައިރީ ބުނީ އޭނާ ދުއްވަމުން ދިޔައީ އާދައިގެ ގޮތަކަށް ކަމަށާއި ބަހުގެ ކުރިމަތީ ކަނާތު ޓަޔަރުގެ ބެލެންސް ގެއްލި އެހެން ކާރެއްގައި ޖެހި ހައިވޭއިން ކަހައިގެން ދިއުމުގެ ސަބަބުން އަލިފާން ރޯވާން މެދުވެރިވި ކަމަށެވެ.
ފުލުހުން ބުނީ ބަސް ކުންފުނިން ސަލާމަތީ ހުރިހާ މިންގަނޑަކަށް އަމަލުކުރިތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.
ޕަބްލިކް ބްރޯޑްކާސްޓަރު ތައި ޕީބީއެސް އަށް ދިން އިންޓަވިއުއެއްގައި ބަސް ކުންފުނީގެ ވެރިޔާ ސޮންގްވިޓް ޗިންނަބޫޓް ބުނީ ބަހުގެ ސަލާމަތީ މިންގަނޑުތަކާއި ދޭތެރޭ އަހަރަކު ދެ ފަހަރު ޗެކް ކުރާ ކަމަށާއި ގޭސް ސިލިންޑަރުތައް ރައްކާތެރިކަމުގެ މިންގަނޑުން ފާސްވެފައިވާ ކަމަށެވެ. އަދި ޝިކާރައަކަށް ވެފައިވާ މީހުންގެ އާއިލާތަކަށް ވީހާވެސް ރަނގަޅަކަށް ބަދަލު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިން ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، އޭގެ ތެރެއިން ދެ ދަރިވަރެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އުމުރުން 7 އަހަރުގެ އަންހެން ކުއްޖެއްގެ މޫނު ފިހިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ. އޭނާގެ ލޮލުގެ ފެނުން ސަލާމަތް ކުރުމަށް މިހާރު ޑޮކްޓަރުންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށްވެސް މައުލޫމާތު ދިނެވެ.
މި ހާދިސާއާއި ގުޅިގެން ތައިލޭންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަޓްރާ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތައުޒިޔާ ވިދާޅުވެ، ސަރުކާރުން ބޭސްފަރުވާގެ ހަރަދުތައް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި އެކްސިޑެންޓްގެ ޝިކާރައަކަށް ވެފައިވާ މީހުންގެ އާއިލާތަކަށް އެހީތެރިވެދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ފަހުން އެކަމަނާ ވަނީ އެކްސިޑެންޓްގައި ޒަހަމްވި މީހުންގެ ގާތަށް ޒިޔާރަތްކޮށްފަ އެވެ.
މި އެކްސިޑެންޓާއި ގުޅޭގޮތުން މީޑިއާތަކުން ޝިނަވަޓްރާއާއި ސުވާލުކުރުމުން، އެކަމަނާ ކީރިތި ކުރެއްވި ކަމަށް ތައިލޭންޑްގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ޓްރެފިކް އެކްސިޑެންޓްތަކާއި މަރުތަކުގެ ނިސްބަތް މަތިވުމުން ތައިލޭންޑްގެ އެކި ހިސާބުތަކުގައި ގިނަ ގަޑިއިރު ދަތުރުކުރާ ސްކޫލު ކުދިންގެ ސަލާމަތްތެރިކަމާއި ދޭތެރޭ ކަންބޮޑުވުންތައް ވަނީ އަމާޒުވެފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި ތައިލެންޑުގައި ކޮންމެ އަހަރަކު އެއްގަމު އެކްސިޑެންޓްތަކުގައި 20،000 މީހުން މަރުވެ މިލިއަނެއްހާ މީހުން ޒަހަމްވެފައި ވެއެވެ.