އިރާނުން، އިޒްރޭލަށް މިސޭލް ހަމަލާތަކެއް ދޭން ފަށައިފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ މީގެ ކުޑަ ވަގުތުކޮޅެއްކުރިން 200 އަށްވުރެ ގިނަ މިސައިލް، އިޒްރޭލްގެ އަމާޒުތަކަށް ފޮނުވާލައިފައިވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަސްކަރިއްޔާއިން އެދިފައިވެ އެވެ.
އަލްޖަޒީރާގެ ރިޕޯޓަރު ބުނާ ގޮތުގައި ބައެއް މިސައިލްތައް ވަނީ އިޒްރޭލްގެ އަމާޒުތަކަށް އަރާފަ އެވެ. ނަމަވެސް އިރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލްތައް އިޒްރޭލްގެ ޑިފެންސް ސިސްޓަމްއިން ވައްޓާލާފައިވާ ކަމަށް ރިޕޯޓަރު ބުނެ އެވެ. އިޒްރޭލު އަސްކަރިއްޔާއިން ބުނީ 200 އަށް ވުރެ ގިނަ މިސައިލްތައް އީރާނުން އިޒްރޭލަށް ފޮނުވާފައިވާ ކަމަށެވެ.
އީރާންގެ އަސްކަރިއްޔާއިންް ބުނީ މި ހަމަލާތަކަކީ އިޒްރޭލުން ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރަﷲ މަރާލުމާއި ގުޅިގެން ރައްދުގައި ދިން ޖަވާބު ކަމަށް ބުނެފަ އެވެ.
މި ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިޒްރޭލުގެ ދިފާއުގައި އެގައުމަށް އެހީވާން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު، އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނާއި އިޒްރޭލު މީހުން ރައްކާތެރިކޮށް، އިޒްރޭލަށް އެހީވެވޭނެ ގޮތްތަކާއި ދޭތެރޭ މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފައި ވެއެވެ. އަލް ޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި އެމެރިކާގެ އިންޓެލިޖެންސުން ވަނީ މި މައުލޫމާތު ކުރީބައިގައި އިޒްރޭލަށް މިއަދު ހާމަކޮށްފަ އެވެ. އިޒްރޭލަށް ހަމަލާއެއް އަންނަން އުޅޭ ކަމަށް މުޅި ދުވަހު އެނގުނު ނަމަވެސް، އެގައުމުގެ އަސްކަރިއްޔާއިން ހީކުރި ވަރަށްވުރެ އަވަހަށް އީރާނުން ހަމަލާދީފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.
ބައިޑަން ވަނީ ކުރިއެކޭވެސް އެއްގޮތަށް އިޒްރޭލަށް އީރާނުން އަމާޒުކުރާ މިސައިލްތައް ވައްޓާލުމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އިރުޝާދު ދީފަ އެވެ.
މި ހަަމަލާތަކާއި ގުޅިގެން އެއްވެސް މީހަކަަށް އަދި މިވަގުތަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް އައިޑީއެފްއިން ބުނެފައި ވެއެވެ. ރަނގަޅު ވަގުތެއްގައި އީރާނުން ދިން ހަމަލާއަށް ޖަވާބެއް ދޭނެ ކަމުގައި އިޒްރޭލު އަސްކަރިއްޔާއިން ބުނެފައި ވެއެވެ.