އިޒްރާއިލުން ފަލަސްތީނުގެ އަންހެން ނޫސްވެރިޔާ ވަފާ އަލް-އުދެއިނީ ޝަހީދުކޮށްފި އެވެ.
އަލް ޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި އިޒްރާއިލުން ގައްޒާއަށް ދިން ހަމަލާއެއްގައި ވަފާ އަލް-އުދެއިނީ އާއި އޭނާގެ އާއިލާ 3 މެންބަރުން ޝަހީދުވެފައި ވެއެވެ. އޭގެ ތެރޭގައި 2 ކުޑަކުދިން ހިމެނެ އެވެ.
އެމީހުން ޝަހީދުވެފައިވަނީ ދީރް އަލް ބަލާގައި ހުންނަ ގޭގައި ހުއްޓާ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިޒްރާއިލުން ވަނީ މިހާތަނަށް ދުނިޔޭގެ އެއްވެސް ހަނގުރާމައެއްގައި ނޫސްވެރިން މަރާފައި ނުވާ މިންވަރަށް ގައްޒާގެ ނޫސްވެރިންނަށް ހަމަލާ އަމާޒުކޮށްފަ އެވެ. އަދި އިޒްރާއިލުން ވަކިން ހާއްސަކޮށް ނޫސްވެރިންނަށް ހަމަލާ އަމާޒު ކުރާ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.
7 އޮކްޓޫބަރުން ފެށިގެން ގައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އިޒްރާއިލުގެ އަތްދަށުން މިހާތަނަށް 136 އަށް ވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ލުބްނާނަށް ނިސްބަތްވާ ނޫސްވެރިންވެސް ހިމެނެ އެވެ.
ނޫސްވެރިންގެ އިތުރުން ނޫސްވެރިންގެ އާއިލާތަކަށްވެސް އިޒްރާއިލުން ދަނީ ގަސްތުގައި ހަމަލާ އަމާޒުކުރަމުން ނެވެ. އަދި ވަކިވަކިން ނޫސްވެރިންނަށް އިންޒާރުދީފައިވާ ކަމަށްވެސް ގައްޒާގައި ރިޕޯޓްކުރާ ގިނަ ނޫސްވެރިން މައުލޫމާތު ދީފައި ވެއެވެ.