ލިވަޕޫލް ކްރައުން ކޯޓުން 96 އަހަރުގެ އަންހެނެއްގެ މައްޗަށް ނުރައްކާތެރިކޮށް ކާރު ދުއްވައިގެން މީހަކު މަރުވުމުގެ މައްސަލައިގައި 18 މަސްދުވަހުގެ ސަސްޕެންޑެޑް ޖަލު ޙުކުމެއް އިއްވައިފި އެވެ.
މާސީސައިޑްގެ އެއިންސްޑޭލްގައި ދިރިއުޅޭ ޖޫން މިލްސް (96 އަހަރު) ގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ ފާއިތުވި އަހަރުގެ އޯގަސްޓު މަހު ހިނގި ހާދިސާއަކާ ގުޅިގެން ނެވެ. އެ ހާދިސާގައި މިލްސް ދުއްވަމުންދިޔަ ކާރު ފޯމްބީގައި ހުރި ޕޭވްމަންޓަކަށް އަރައި، 76 އަހަރުގެ ބްރެންޑާ ޖޮއިސް މަރުވެފައިވެ އެވެ.
މިލްސްއަކީ ނުރައްކާތެރި ގޮތަކަށް ކާރު ދުއްވައިގެން މީހަކު މަރުވުމަށް ސަބަބުވުމުގެ ކުށުން ޔޫކޭގައި ކުށްވެރިވި އެންމެ ދުވަސްވީ މީހުންގެ ތެރެއިން މީހެއް ކަމަށް ބެލެވެ އެވެ. ފާއިތުވި މަހު ކޯޓުގައި ބޭއްވުނު އަޑުއެހުމެއްގައި މިލްސް ބުނެފައިވަނީ، އެ އެކްސިޑެންޓް ހިނގުމަށް މެދުވެރިވީ ކާރު ދުއްވަމުން ދަނިކޮށް އެކްސެލެރޭޓަރަށް ބާރަށް ފައިޖެހުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާގެ ކާރު ދުއްވުން އާންމު މިންގަނޑަށްވުރެ ދަށްވެފައިވާ ކަމަށް އޭނާ ޤަބޫލުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
މިލްސްގެ ދިފާޢުގައި ވާހަކަދެއްކި ޓޮމް ޖެންޓް ކޯޓަށް ބުނެފައިވަނީ، ”އެކްސެލެރޭޓަރ ޕެޑަލް އޭނާގެ ފައި ދަށަށް ވެއްޓުނީމާ، އޭނާ ބިރުގަނެ އެކަމަށް ރިއެކްޓްކުރަން ނޭނގުނީ“ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ، އެ ހާދިސާއަށްފަހު މިލްސްގެ ހަރަކާތްތެރިކަން ދަށްވެފައިވާ ކަމަށާއި، މިހާރު އޭނާއަށް ހިނގޭނީ މަދު ފިޔަވަޅެއް ކަމަށާއި، އަދާކުރަންޖެހޭ މަސައްކަތެއް ކުރެވޭވަރު ނުވާނެ ކަމަށެވެ.
މި މައްސަލައިގައި މިލްސް ކުށަށް އިޢުތިރާފުވެފައިވާއިރު، އޭނާގެ މައްޗަށް އިއްވާފައިވާ 18 މަސްދުވަހުގެ ޖަލު ޙުކުމަކީ ސަސްޕެންޑެޑް ޙުކުމެއް ކަމަށްވާތީ، އިތުރު ކުށެއް ނުކުރާނަމަ އޭނާ ޖަލަށް ދާކަށް ނުޖެހޭނެ އެވެ.