ދުނިޔޭގެ ދެވަނައަކަށް އެންމެ ބޮޑު ޖަވާހިރު ބޮޓްސްވާނާއިން ފެނިއްޖެ އެވެ.
ބޮޓްސްވާނާއަކީ ދުނިޔޭގެ އެންމެ ގިނަ ޖަވާހިރުތައް ފެންނަ އެއް ގައުމެވެ. ދުނިޔޭގެ ޖަވާހިރުތަކުގެ 20 އިންސައްތަ ފެންނަނީ ބޮޓްސްވާނާއިން ނެވެ.
ކެނެޑާގެ މައިނިން ކުންފުނި ލުކާރާ ޑައިމަންޑް އިން ހޯދި މި ޖަވާހިރުގެ ބަރުދަނުގައި 2،492 ކެރެޓް ހުރެ އެވެ. މި ޑައިމަންޑް ފެނިފައިވަނީ ބޮޓްސްވާނާގެ ވެރިރަށް ގަބޮރޯންގެ އުތުރުން ގާތްގަނޑަކަށް 500 ކިލޯމީޓަރު (300 މޭލު) ދުރުގައި އޮންނަ ކަރޯވޭ މައިނުން ނެވެ. މި ޑައިމަންޑް ހޯދިފައިވަނީ މެގަ ޑައިމަންޑް ރިކަވަރީ އެކްސްރޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނެވެ.
މިއީ 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ފެނުނު 3،106 ކެރެޓްގެ ކަލިނަން ޑައިމަންޑަށް ފަހު ހޯދި އެންމެ ބޮޑު ޖަވާހިރެވެ. އެ ޖަވާހިރު ކަނޑާފައި އޭގެއިން 9 ޖަވާހިރު އުފައްދާފައި ވެއެވެ. އެ ހުރިހާ ޖަވާހިރެއް ވަނީ އިނގިރޭސިވިލާތުގެ ޝާހީ ތާޖުކޮޅުގަ އެވެ.
ބޮޓްސްވާނާގައި މީގެ ކުރިން އެންމެ ބޮޑު ޖަވާހިރެއް ހޯދާފައިވަނީ 2019 ވަނަ އަހަރު އެވެ. ހަމަ އެއް މައިނަކުން ފެނުނު އެ ޖަވާހިރަކީ 1،758 ކެރެޓްގެ ޖަވާހިރެކެވެ.