އަންނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް އެމެރިކަން އެއާލައިންސް އިން އިޒްރޭލަށް ކުރާ ދަތުރުތައް ކެންސެލްކޮށްފި އެވެ.
އެ އެއާލައިނުން މިގޮތަށް ނިންމީ އިޒްރޭލާއި ހަމާސްއާއި ހިޒްބުﷲ އާއި ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ. އެމެރިކަން އެއާލައިންސް އިން މިގޮތަށް ކަންތައް ކޮށްފައިވާއިރު ދުނިޔޭގެ އެހެނިހެން ބޮޑެތި އެއާލައިންތަކުންވެސް ވަނީ އިޒްރޭލަށް ދަތުރުކުރުން ހުއްޓާލާފަ އެވެ. އަދި އިޒްރޭލުގެ ވައިގެ ސަރަހައްދުން ދަތުރުނުކޮށް ރީ ރޫޓް ކުރަމުންވެސް ދެ އެވެ. އިޒްރޭލަށް ދަތުރު ކެންސަލް ކުރި އެއާލައިންތަކުގެ ތެރޭގައި ޔުނައިޓެޑާއި ޑެލްޓާ އެއާލައިންސް ހިމެނެ އެވެ.
ޖުލައި 31 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނުގައި ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ބަދަލު ހިފުމުގެ ހަމަލާއެއް ދީފާނެތީ އިޒްރޭލުން ތިބީ ވަރަށް ބޮޑަށް އަސްކަރީ އެލާޓްގަ އެވެ.
އީރާނާއި ހަމާސްއިން ދަނީ ހަނިއްޔާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް ތުހުމަތު ކުރަމުން ނެވެ. އެކަމުގެ ޒިންމާ އިޒްރޭލުން ކަށަވަރުކޮށްދީ ނުވަތަ އިންކާރުކޮށްފައެއް ނުވެ އެވެ.
ޖުލައި 30 ވަނަ ދުވަހު ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ އިސް ކޮމާންޑަރު ފުއާދު ޝުކުރު އަވަހާރަކޮށްލުމަށްފަހު އިޒްރޭލުގެ ކިބައިން ބަދަލު ހިފުމަށް ލުބުނާނުގެ ޖަމާއަތް ހިޒްބުالله އިންވެސް ވަނީ ވައުދުވެފަ އެވެ.
އެމެރިކާއަކީ ގިނަ އަދަދެއްގެ އިޒްރޭލު ރަށްވެހިންގެ ޑޫއަލް ސިޓިޒަންޝިޕް އޮންނަ ގައުމެއްކަމުން އެއާލައިންތަކުން އިޒްރޭލަށް ދަތުރުކުރުން ކެންސަލް ކުރުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަނބުރާ ގައުމަށް ނުދެވި، އިޒްރޭލުގައި ތާށިވެފައި ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
7 އޮކްޓޫބަރުގައި ހަމާސްއިން އިޒްރޭލުގެ ބިމުން މީހުން ރަހީނުކުރި ފަހުން އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 40،000 އެއްހާ މީހުން ޝަހީދުވެފައި ވެއެވެ.