ސްވިޑަންއިން މަންކީޕޮކްސްގެ ފުރަތަމަ ކޭސްއެެއް ފެނިއްޖެ އެވެ.
މިއީ މި ބަލި ފެތުރެމުންދާ އެފްރިކާ ބައްރު ފިޔަވައި އެހެން ބައްރަކުން އެމްޕޮކްސްގެ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ.
ސްވިޑަން އިން ފެނިފައިވަނީ އެމްޕޮކްސްގެ އެންމެ ނުރައްކާތެރި ވޭރިއަންޓް ކަމަށްވާ ކްލޭޑް 1 ކަމަށް އެގައުމުން ރިޕޯޓްކޮށްފައިވެ އެވެ. އެ މީހާއަށް މި ބަލި ޖެހިފައިވަނީ އެފްރިކާއަށް ދަތުރުކުރުމުގެ ތެރެއިން ކަމަށް ސްވިޑަން ސަރުކާރުން ބުނެފައިވެ އެވެ. އަދި މިހާރު އެމީހާއަށް ސްވިޑަންގައި ފަރުވާދެމުންދާ ކަމަށް ބުނެފައި ވެއެވެ.
ސްވިޑަން އަށް އެތެރެވާ މީހުންގެ ތެރެއިން މިފަދަ ކޭސްތައް އިތުރަށް ފެންނާނެ ކަމަށް ސްވިޑަން އިން ބުނެފައިވެ އެވެ. އަދި މުޅި ޔޫރަޕަށްވެސް މި ބަލި ފެތުރުން އެކަށީގެންވާއިރު ޔޫރަޕުން މިކަން އެހާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ސްވިޑަން އިން ތުހުމަތުކޮށްފައި ވެއެވެ.
ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއް ގޮތުގައި އިއުލާންކޮށްފައި ވެއެވެ.
މި ވައިރަލް އިންފެކްޝަން ހަލުވިކަމާއެކު ފެތުރެމުންދާ ކޮންގޯއާއި ކައިރީގައިވާ އެހެން ގައުމުތަކަށް މިހާރު މި ބަލި ފެތުރިފައިވާ ކަމަށް އެފްރިކާ ސެންޓާސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނެފައި ވެއެވެ. 1970 ވަނަ އަހަރު މި ބަލި އެންމެ ފުރަތަމަ އިންސާނެއްގެ ގައިން ފެނިފައިވަނީވެސް ކޮންގޯއިން ނެވެ.
މަންކީ ޕޮކްސްގެ އަލާމާތްތަކަކީ ލިމްފް ނޯޑްސް ދުޅަވެ، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހިި ނެގުމެވެ. މި ބަލި ޖެހޭ ބައެއް މީހުން މަރުވުން އެކަށީގެންވެ އެވެ. އަދި މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބަލިއެކެވެ. މިއީ ގައިންގަޔަށް އަރާ ބަލިއެއްވެސް މެއެވެ.