އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް، ޑިމޮކްރެޓިކް ޕާޓީގެ ވާދަވެރިޔާ ކަމަލާ ހެރިސް އަކީ ”ކަޅު“ މީހެއްތޯ ސުވާލު އުފައްދަވައިފި އެވެ.
ޓްރަމްޕް އެމެރިކާގެ މިހާރުގެ ނައިބު ރައީސްއާއި ބެހޭގޮތުން މިފަދަ ސުވާލެއް އުފެއްދެވީ އެގައުމުގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ކަޅު ނޫސްވެރިންގެ ޖަލްސާގައި ދެއްވި އިންޓަވިއުއެއްގަ އެވެ.
”އެއީ އިންޑިއާ މީހެއްތަ ނޫނީ ކަޅު މީހެއް ހެއްޔެވެ؟“ ބުދަ ދުވަހު ބޭއްވި ރިޔާސީ ރޭހުގައި އޭނާއާ ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓާއި ބެހޭ ގޮތުން އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް މިގޮތަށް ވިދާޅުވެފައި ވެއެވެ.
އިންޑިއާ އަދި ޖެމެއިކާ ދެމަފިރިންނަށް ލިބިފައިވާ ހެރިސް އަކީ ކަޅު ނަސްލުގެ މީހުންނާއި އޭޝިއާގެ މީހެއްގެ ގޮތުގައި ވެސް ޒަމާނުއްސުރެ އަމިއްލައަށް ފާހަގަކުރައްވާފައިވާ ބޭކަނބަލެކެވެ. ހެރިސް ވަނީ އެމެރިކާގެ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ފުރަތަމަ ކަޅު ނަސްލުގެ އަދި އޭޝިއަން އެމެރިކަން އަށްވުމުގެ ޝަރަފް ހޯއްދަވާފަ އެވެ.
”އެމަނިކުފާނު ދެންމެ ވިދާޅުވި އެއްޗަކީ ހުތުރު ވާހަކަތަކެއް،“ ޓްރަމްޕްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއެރޭ ވިދާޅުވި އެވެ. ”އެއީ ފުރައްސާރައެއް.“
މި މަހުގެ ކުރީކޮޅު ވައިޓް ހައުސްގައި ކެމްޕޭން ފެށި ފަހުން އޮންލައިންކޮށް ޖިންސީ އަދި ނަސްލީ ތަފާތުކުރުންތަކުގެ ހަމަލާތަކެއް ހެރިސްއަށް ކުރިމަތިވެފައިވާއިރު، ކަނާތު ފިޔައިގެ ފިކުރުގެ ބައެއް އެކައުންޓްތަކުން އޭނާގެ ނަސްލީ އައިޑެންޓިޓީއާ މެދު ސުވާލު އުފައްދަ އެވެ.
ރިޕަބްލިކަން ޕާޓީގެ ލީޑަރުން ވަނީ ޒާތީ ހަމަލާތަކުން ދުރުހެލިވެ، އެކަމަނާގެ ސިޔާސަތުގެ މަގާމުތަކަށް ސަމާލުކަން ދިނުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސްކޮށްފަ އެވެ.
ނަމަވެސް ޓްރަމްޕް ވަނީ ހެރިސްއާ ދެކޮޅަށް ޒާތީ ފުރައްސާރަ ކުރައްވާފަ އެވެ.
އަދި ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ބުނާ ފަދައިން ހެރިސް އަކީ ”ޑީއީއައި ހައަރެއް“ ކަމަށް ބުދަ ދުވަހު ބުނަން ދެކޮޅު ހައްދަވައި ޓްރަމްޕް ވަނީ އެކަން ”ނޭނގެ“ ކަމަށް ވިދާޅުވެފަ އެވެ.
ޑީއީއައި ހައާ އަކީ ގިނަ ދުވަސްތަކެއް ވަންދެން އުފެދިފައިވާ ނުތަނަވަސްކަމާއި ތަފާތުކުރުންތައް ހައްލުކުރުމަށް ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ކުލަކުލައިގެ މީހުން ތަމްސީލުކުރުން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ”ޑައިވަރސިޓީ، އިކުއިޓީ އެންޑް އިންކްލޫޝަން“ އިނިޝިއޭޓިވްސް އެވެ.
”ޑީއީއައި ހައާ“ މި ލަފުޒު މިހާރު ބޭނުންކުރަނީ ޝަރުތު ހަމަނުވާ، ނަސްލަށް ނުވަތަ ޖިންސަށް ބަލައިގެން ހޮވާފައިވާ މީހެއް ކަމަށް ދޭހަކޮށްދިނުމަށެވެ.
ޝިކާގޯގައި ބޭއްވި ނޭޝަނަލް އެސޯސިއޭޝަން އޮފް ބްލެކް ޖާނަލިސްޓުންގެ އަހަރީ ކޮންވެންޝަންގެ ޕެނަލް އިންޓަވިއު ފެށުނުއިރު، އޭބީސީ ނިއުސްގެ ރިޕޯޓަރު ރޭޗަލް ސްކޮޓް ވަނީ ޓްރަމްޕް ދެއްކެވި ނަސްލީ ތަފާތުކުރުންތަކުގެ ސިލްސިލާ ކޮމެންޓްތަކެއް ލިސްޓްކޮށް، ކަޅު ނަސްލުގެ ވޯޓުލާ މީހުން އޭނާއަށް ތާއީދު ކުރަންވީ ކީއްވެގެންތޯ ސުވާލު ކޮށްފަ އެވެ.
ޖަވާބުގައި ޓްރަމްޕް ވަނީ އޭބީސީ އަކީ ”ބިރުވެރި“، ”އަދާވާތްތެރި“ އަދި ”ބަދުނާމު“ ”ފޭކް“ ޗެނެލެއް ކަމަށް ވިދާޅުވެފަ އެވެ.
”އަބްރަހަމް ލިންކަން އަށް ފަހު އަހަރެންނަކީ ކަޅު އާބާދީއަށް އެންމެ ރަނގަޅު ރައީސް،“ ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ޖޫން މަހު ރިޔާސީ ބަހުސްގެ ސަފުހާއެއް ޓްރަމްޕް ތަކުރާރު ކުރައްވައި ވިދާޅުވީ އެމެރިކާގެ ދެކުނު ބޯޑަރު ހުރަސްކުރާ ހިޖުރަވެރިން ”ކަޅު މީހުންގެ ވަޒީފާ“ ނަގާލާނެ ކަމަށެވެ.
”’ކަޅު ވަޒީފާއަކ‘ ސީދާ ކޮން އެއްޗެއް ސަރ؟“ ސްކޮޓް އޭނާއާ ސުވާލު ކުރި އެވެ.
”ބްލެކް ޖޮބަކީ ވަޒީފާއެއް އޮތް ކޮންމެ މީހަކު،“ ޓްރަމްޕް ޖަވާބު ދެއްވި އެވެ.
އިލިނޮއިސްގައި ޝެރިފްގެ ނައިބަކު ބަޑިޖަހައި މަރާލި ކަޅު ނަސްލުގެ އަންހެނަކު ސޮނިއާ މެސީ މަރާލުމާ ގުޅިގެން ފުލުހުންނަށް އިމްޔުނިޓީ ދިނުމުގައި އޭނާގެ މަގާމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެ މައްސަލައާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ނޭނގޭ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ޓްރަމްޕް ގެންދަވަނީ ކަޅު ނަސްލުގެ އާބާދީ ބޮޑު ސިޓީތަކުގައި އިވެންޓްތައް ބާއްވަމުން ކަމަށާއި އޭގެ ތެރޭގައި އެޓްލާންޓާ ހިމެނޭ ގޮތަށް ހޮނިހިރު ދުވަހު އެއްވުމެއް ބާއްވަން ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޭނާގެ ކުރީގެ ޑިމޮކްރެޓިކް ޕާޓީގެ އިދިކޮޅު ރައީސް ޖޯ ބައިޑަން ސަގާފީ ގޮތުން ޑިމޮކްރެޓިކް ޕާޓީގެ އެންމެ ވަފާތެރި ވޯޓިން ބްލޮކް ކަމަށްވާ ކަޅު ނަސްލުގެ ވޯޓަރުން އެއްކުރުމަށް މަސައްކަތް ކުރުމުން ޓްރަމްޕްވެސް އެފަދައިން ކަންތައް ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
އެކަމަކު ހެރިސްގެ ފަރާތުން ބައިޑަން މަގާމުން ވަކިވާން ނިންމުމަކީ ޓްރަމްޕަށް އޭނާގެ ފައިދާތައް ހިފެހެއްޓުމަށް އިތުރު ގޮންޖެހުންތަކަކަށް ވެދާނެ އެވެ.
ރޮއިޓާސް/އިޕްސޯސްގެ ގައުމީ ސާވޭއަކުން ދައްކާ ގޮތުގައި ޓްރަމްޕް ހެރިސްގެ ކުރީގައި ހުންނެވީ 43 އިންސައްތަ-42 އިންސައްތައިގެ ނަތީޖާއަކުން ނެވެ.
1975 ވަނަ އަހަރު އުފެދުނު ކަޅު ނޫސްވެރިންގެ ޖަމިއްޔާގެ އަހަރީ ޖަލްސާގައި ތަގުރީރު ކުރުމަށް ގަވާއިދުން ރިޔާސީ ކެންޑިޑޭޓުންނަށް ދައުވަތު ދޭ ނަމަވެސް ޓްރަމްޕަކީ 2004 ވަނަ އަހަރު ޖޯޖް ޑަބްލިއު ބުޝްއަށް ފަހު އެ ހުށަހެޅުން ބަލައިގަތް ފުރަތަމަ ރިޕަބްލިކަން ކެންޑިޑޭޓެވެ.



