އިޒްރޭލުން ލުބްނާންގެ ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲ ގެ އިސްކޮމާންޑަރެއް ކަމުގައިވާ ”ފުއާދް ޝުކްރު“ (ހަޖް މޮހްސެން) މަރާލައިފި އެވެ.
އަންގާރަ ދުވަހު ދިން މި ހަމަލާގައި އޭނާގެ އިތުރުން ކުޑަކުދިން ހިމެނޭހެން 74 މީހުން މަރުވި ކަމަށް ލުބްނާންގެ ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ. އިޒްރޭލުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފައި އަދި ”ޕްރެސިޝަން ސްޓްރައިކް“ އެެއް ކާމިޔާބުކަމާއިއެކު ޝުކްރުއަށް އަމާޒުވިކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރަށްވެސް، ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި ލުބްނާންގެ 12 ކުޑަކުދިން މަރުވީވެސް އެގައުމުގެ އަސްކަރިއްޔާގެ ފުށުން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ. އެއީ ސީރިޔާގެ ގޮލާން ހެއިޓްސްގެ ބައަކަށްދިން ހަމަލާއެކެެވެ. ގޮލާން ހެއިޓްސްއަކީ އިޒްރޭލުން ހިފާފައިވާ ސަރަހައްދެކެވެ.
ހިޒްބުﷲ އިން މީގެ ކުރިން ވަނީ ޝުކްރުގެ މަރުގެ ހަބަރު ދޮގުކޮށްފަ އެވެ.
ޝުކްރުއަކީ 1982 ވަނަ އަހަރު އިޒްރޭލުން ލުބްނާން ހިސާރު ކުރި ދުވަސްވަރުން ފެށިގެން ހިޒްބުﷲ ވުޖޫދުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބާނީއެކެވެ. އިޒްރޭލުގެ ދުޝްމަނަކަށް ވުމުގެ އިތުރަށް ޝުކްރުއަކީ އެމެރިކާއިން ވެސް ހޯދަމުންދާ ’ޓެރަރިސްޓް ވޯންޓެޑް‘ ލިސްޓުގައި ހިމެނޭ މީހެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި ބުދަ ދުވަހު އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ މަރާލުމަށްފަހު އިޒްރޭލަށް އީރާނާއި ހިޒްބުﷲގެ ފަރާތުން ހަނގުރާމައެއް އަތުވުން އެކަށީގެން ވެއެވެ. ދާދި ފަހުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލަށް ”ކުރިއަށް އޮތީ ގޮންޖެހުން ބޮޑު ދުވަސްވަރެއް“ގެ ގޮތުގައި ސިފަކޮށް ”ހުރިހާ ހާލަތަކަށްވެސް ތައްޔާރަށް ތިބި“ ކަމަށް ބުނެފަ އެވެ.


