ހަނިއްޔާ ޝަހީދުކޮށްލުމަކީ ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށްވެސް އެ އެންމެންނަކީ އިޒްރޭލުގެ އިސްތިއުމާރުގެ އަމާޒުކަން އަނެއްކާވެސް ހަނދާންކޮށްދިނުމެވެ. އަދި ފަލަސްތީނުގެ ނަޒަރުން ބަލާއިރު، މި ހަނގުރާމައިގެ ތެރޭގައި، އިޒްރޭލުން ފަހަތަށް ނުޖެހުމުގެ އެއް އިޝާރާތަކަށްވެ،ް ހަނގުރާމަ ނިމުމުގެ ކޮޅުމައްޗެއް ނުފެންނާނެ ކަން ހަނދާންކޮށްދޭވަރުގެ ލައްގަނޑެކެވެ.
ހަނިއްޔާގެ މަރާއިއެކު ހަނގުރާމަ ހުއްޓާލުަމަށް އިޒްރޭލުން ކުރަމުންދާ މަޝްވަރާތައް މެދުކެނޑިގެންދިއުމުގެ ބިރުވެރިކަން އުފެދި، 10 މަސް ދުވަސް ވަންދެން ކުރި އުންމީދަށް ހިރާސްތަކެއް އެޅިގެންދިޔަ ކަމަށް ފަލަސްތީނު ރައްޔިތުން ގަބޫލުކުރެ އެވެ. އިޒްރޭލުގެ އަތްދަށުން މިނިވަންވުމުގެ ބިންގާއަކީ ހަނިއްޔާގެ ގޮތުގައި ގިނަ ފަލަސްތީން ރައްޔިތުން އޭރު ބުނެފައި ވެއެވެ.
މިހާރު ސުވާލަކީ ފަލަސްތީނުގެ ފެކްޝަންތަކަށް އެ މުނާސަބަތަށް ތެދުވެ ފަލަސްތީނުގެ އާންމުންނަށް ތަފާތު މުސްތަގުބަލެއް ހުށަހެޅޭނެ ހެއްޔެވެ؟
މިހާތަނަށް މި ފެކްޝަންތައް ވަނީ ހަގީގީ އެއްބައިވަންތަކަމުގެ އެއްބަސްވުމަކަށް އައުމުގައި ނާކާމިޔާބުވެފަ އެވެ. އާންމުންގެ ޝުއޫރަކީ އެއްބައިވަންތަކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފަލަސްތީނުން ހަގީގަތުގައި އެކަން ގާނޫނަކަށް ހަދައި އެންމެންގެ އިއްތިފާގު އޮންނަ ސަރުކާރެއް އުފައްދައި އެއްބައިވަންތަކަމާއެކު މި ހަނގުރާމައާ ކުރިމަތިލާން ޖެހޭ ކަމެވެ. އެކަން ހާސިލް ކުރަން ވަރަށް އުނދަގުލެވެ. އެއީ އެކަމުގައި ހުޅަނގުގެ ޕްރެޝަރު ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްގެ މައްޗަށް އޮތީމަ އެވެ.
އެއްފަރާތުން އެމެރިކާއިން ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބުނާ ޖަމާއަތެއްގެ ގޮތުގައި ގިންތިކޮށް، ފައިސާ ލިބެން ބޭނުންނަމަ އެއްބައިވަންތަ ސަރުކާރެއްގައި އެމީހުން ނުހިމެނުމަށް މަހްމޫދު އައްބާސްއަށް ޕްރެޝަރު ކުރެ އެވެ. އަދި އިޒްރޭލުން ޓެކްސް އާމްދަނީގެ ބޮޑު ބައެއް ނަގައި މާލީ ލައިފް ސަޕޯޓުގައި ބަހައްޓަމުންދާތީ ފަލަސްތީނުގެ އޮތޯރިޓީއަށް ފައިސާގެ ދަތިކަން އެބައޮތެވެ.
އެހެންކަމުން ފަލަސްތީނުގެ އޮތޯރިޓީއަށް އެއްފަރާތުން ލިބިދާނެ ހުޅަނގުގެ ހުރިހާ ތާއީދެއް ބޭނުންވެ، އަނެއްފަރާތުން ހަނގުރާމައާ ކުރިމަތިލައި، ފަލަސްތީނު މީހުން ދެކޭ ކަންކަމަށް ނިމުމެއް ގެނައުމުގައި އެއްބައިވަންތަ ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުރަސް އެޅިފައި ވެއެވެ. އެއްބައިވަންތަކަމަށް ވާސިލްވުމަށް އާންމުން ކުރި އުންމީދުތައް ވެއްޔާއި މޮޑެވިގެން ދިޔަ ކަމަށް ފަލަސްތީނުގެ ބައެއް އާންމުން ބުނަމުންދެ އެވެ.
ގައްޒާގައި ނަމަވެސް ހިފާފައިވާ ހުޅަނގު އައްސޭރީގައި ވިޔަސްވެސް އެމީހުންގެ ލޮލުގެ ކުރިމަތީގައި ލައިވް ސްޓްރީމް ކުރަމުންދާ ނަސްލު ނައްތާލުމަށް ނިމުމެއް ނެތް ކަމަށް ފަލަސްތީނުން ބުނަމުންދެ އެވެ.
ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްފައިވަނީ އޭނާ މަޑުކޮށްގެން ހުރި ތަނަށް ރޭ އީރާން ގަޑިންް 02:00 އެހާކަށްހާއިރު ވައިގެ މަގުން އަމާޒުކުރި ބަޑީގެ ހަމަލާއެއްގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ރިޕޯޓްތަކުގައި މިހެން ބުނެފައިވަނީ އީރާނުން މިހަމަލާގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވަނީސް އެވެ. ހަނިއްޔާ ޝަހީދުކޮށްފައިވަނީ އީރާންގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއަންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބައްލަވާލެއްވުމަށް އީރާނަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ޕެޒެޝްކިއަންގެ ހުވާކުރެއްވުމުގެ ރަސްމިއްުޔާތު ބޭއްވީ އިއްޔެގެ ވަގުތެއްގަ އެވެ.
ހަނިއްޔާއާއި އެއްކޮށް އީރާންގެ އަސްކަރީ ވެޓެރަންސްއަށް ހާއްސަ ގެސްޓް ހައުސް އިމާރާތެއްގައި މަޑުކޮށްގެން ހުރި އޭނާގެ ބޮޑީގާޑްވެސް ޝަހީދުކޮށްފައި ވެއެވެ. އެތަނަކީ އީރާންގެ އަސްކަރީ އައިއާރްޖީސީގެ ބެލުމުގެ ދަށުގައިވާ ތެހެރާންގެ ތަނެކެވެ. އެވަގުތުކޮޅު ޕަލަސްތީނިއަން އިސްލާމިކް ޖިހާދްގެ ސެކްރެޓަރީ ޖެނެރަލް ޒިޔާދް އަލް-ނަހަލާވެސް ހުރީ އެ އިމާރާތުގެ އެހެން ފަންގިފިލާއެއްގައި ކަން ބޭރުގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ.
މިހާދިސާ ތަހުގީގު ކުރާނެ ކަމަށް އީރާން ސަރުކާރުން ބުނެފައި ވެއެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން އިޒްރޭލުން ވަކި އެއްޗެއް ބުނެފައިނުވާއިރު ހަމާސްއިން ބުނީ ހަނިއްޔާ ޝަހީދުކޮށްފައިވަނީ އިޒްރޭލުގެ ރޭވުމެއްގެ ތެރެއިން ކަމަށެވެ. އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނިއްޔާގެ މަރާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނުމަށް އޭނާގެ ކެބިނެޓަށް އަމުރުކޮށްފަ އެވެ. ނަމަވެސް ކެބިނެޓް މިނިސްޓަރެއް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ހަނިއްޔާގެ މަރާއި ގުޅިގެން އުފާ ފާޅުކޮށްފަ އެވެ.



