އެެމެރިކާގެ ރައީސް ޖޯ ބައިޑަން އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފި އެވެ.
މިއަހަރު ބާއްވަން އުޅޭ އިންތިހާބުގެ ރީއިލެކްޝަން ކެމްޕެއިން ނިންމެވި ސަބަބެއް ބައިޑަން ހާމަކުރައްވާފައި ނުވެއެވެ.
އެމެރިކާގެ ރައްޔިތުންނަށް ނިސްބަތްކުރައްވާ ލިޔުއްވި ސިޓީއެއްގައި ބައިޑަން ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމެވި ނަމަވެސް ރިޔާސީ ދައުރު ފުރިހަމަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި އެމެރިކާގެ އިގްތިސާދު ކުރިއަރާ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ކޮވިޑްގެ ވަބާ ތެރޭގައިވެސް ގައުމަށް ދަތިކަމެއް ނައިސް އަމާންކަމާއިއެކީ ޑިމޮކްރެސީގެ ހަމަތަކުގައި ހިފެހެއްޓުނު ކަމަށް ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ބައިޑަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ނިންމެވީ އެޕާޓީގެ އިސް ލީޑަރުން، ޕާޓީގެ މެންބަރުން ބައިޑަންއަށް ބޮޑުތަނުން ތާއީދުނުކުރާ ކަމަށް ބުނެ، ބައިޑަންއަށް ޓިކެޓް ދެއްވަން އިންކާރު ކުރުމުން ނެވެ.
އެމެރިކާގެ މަޝްހޫރު ފަރާތްތަކާއި އާންމުން ވަނީ އުމުރާއި ގުޅިގެން ބައިޑަންގެ ސިކުނޑީގެ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށް ބުނެ، ވެރިކަމަށް އައުން އެކަށީގެންނުވާ ކަމަށް ގޮވާލާފަ އެވެ. އަދި ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާންމާއި ގުޅިގެން ގިނަ ބައެެއްގެ ތާއީދު ބައިޑަންއަށް ގެއްލިގެން ދިޔަކަން އެމެރިކާގެ ޕޮލްތަކުން ދައްކާފައި ވެއެވެ.