ގައްޒާގައި 7 އޮކްޓޫބަރުން ފެށިގެން ހުއްޓުމެއްނެތި ހަނގުރާމަ ކުރަމުންދާ އިޒްރޭލުން ޔަމަނަށް އިއްޔެގައި ހަަމަލާދޭން ފަށައިފި އެވެ.
ހޫތީ ހަނގުރާމަވެރިން ވަނީ އިއްޔެއަށްފަހުވެސް ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ނުނިންމަންދެން އިޒްރޭލު އަސްކަރިއްޔާއަށް ކޮންމެ ހާލެއްގައިވެސް ރައްދު ދިނުމަކީ ޔަމަނުގެ ވާޖިބެއް ކަމަށް ބުނެފަ އެވެ. އެ ޖަމާއަތުން ވަނީ 7 އޮކްޓޫބަރަށްފަހު އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ބޯޓު ފަހަރަށް ޑްރޯން ހަމަލާތައް އަމާޒުކޮށްފަ އެވެ. އެކަމަކު އެ ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައިނުވާ ކަން ފާހަގަކޮށްލަން ޖެހެ އެވެ.
އިޒްރޭލުން ވަނީ ޔަމަނުގެ ހޫތީންގެ ކޮންޓްރޯލްގެ ދަށުގައިވާ ރަތް ކަނޑުގެ ބަނދަރު ހުދައިދާއަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. އެއީ އެ ޖަމާއަތުން ފޮނުވާލި ޑްރޯން އިޒްރޭލުގެ ޓެލް އަވީވަށް އެރިތާ އެއް ދުވަސް ފަހުން ނެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔުއާވް ގަލަންތް ބުނީ އޭނާގެ ގައުމުގެ އަމާޒަކީ ހޫތީ ހަރަކާތަށް މެސެޖެއް ފޮނުވުން ކަމަށެވެ.
”ހުދެއިދާގައި މިހާރު އަނދަމުންދާ އަލިފާންގަނޑު، މެދުއިރުމަތީގެ ހުރިހާ ހިސާބަކުން ފެންނަމުންދާއިރު އޭގެ މެސެޖް ސާފު،“
ހޫތީންނާއި ގުޅުން ހުރި ނޫސްތަކުން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި ތިން މީހަކު މަރުވެ 80 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
މިއަދު ހެނދުނު އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޔަމަނުން ފޮނުވާލި މިސައިލެއް އިޒްރޭލުގެ ވައިގެ ޖައްވަށް ހުރަސް ކުރުމުގެ ކުރިން ވައްޓާލާފަ އެވެ.
މިއީ ފާއިތުވި މަސްތަކުގައި އިޒްރޭލުން އެގައުމުގެ ސަރަހައްދަށް އަމާޒުކޮށްގެން ޔަމަނުގެ އެތައް ސަތޭކަ ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނާ ކަންކަމަށް ސީދާ ރައްދު ދިން ފުރަތަމަ ފަހަރެވެ.
ހުދައިދާއިން ނަގާފައިވާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ހޮނިހިރު ދުވަހުގެ ހަވީރު ބޮޑެތި އަލިފާންގަނޑުތައް ޔަމަނުގައި ރޯވެފައިވެ އެވެ. ޔަމަންގެ ވެރިރަށް ސަންނާގައި ހޫތީން ހިންގާ ސަރުކާރުން ބުނީ އިޒްރޭލުން ހަމަލާދިނީ އައްސޭރިފަށާ ކައިރީގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނުގެ އިތުރުން ކައިރީގައި ހުރި އިންޖީނުގެއަކަށް ކަމަށެވެ.
ހުކުރު ދުވަހު ޓެލް އަވީވްގެ ފްލެޓްތަކުގެ ބްލޮކެއްގައި ޖެހުނީ އީރާނުން އުފައްދާފައިވާ އަންމޭންޑް އޭރިއަލް ވައިގެ އުޅަނދެއް ކަމަށާއި އުޅަނދު ދުރަށް އުދުހޭ ގޮތަށް އޮޕަރޭޓްކޮށްފައިވާ ކަމަށް އިޒްރޭލުގެ އަސްކަރީ އޮފިސަރަކު ބީބީސީއަށް މައުލޫމާތު ދިނެވެ. އެ އުޅަނދު ދިފާއީ ބާރަށް ފާހަގަވީނަމަވެސް، ”އޮޅުމެއްގެ ތެރެއިން“ ޑްރޯން ވައްޓާ ނުލެވުނު ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ހާމަކޮށްފައި ވެއެވެ. އޭގެ ކުރިން ހޫތީން ފޮނުވި ހުރިހާ ޑްރޯންއެއް ވައްޓާލެވުނު ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ފާހަގަކުރި އެވެ. އިޒްރޭލުން މިހެން ބުނެފައިވާއިރު ހޫތީން ވަނީ ޓެލްއަވީވްއަކީ މިހާރު ނުރައްކާތެރިކަމަށް ބުނެ އެތަނުގައިި ދިރިއުޅޭ އާންމުން އެތަން ދޫކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މިހަމަލާގައި ދާދިފަހުން ބެލަރޫސްއިން އިޒްރޭލަށް ބަދަލުވި އުމުރުން 50 އަހަރުގެ މީހަކު މަރުވެ، އިތުރު އަށް މީހަކު ވަނީ ޒަހަމްވެފަ އެވެ. 200 ފަހަރު މަތިން ހޫތީން ސީދާ އިޒްރޭލަށް ހަމަލާ އަމާޒުކުރި ނަމަވެސް އޭގެއިން އެއްވެސް މީހަކަށް އަނިޔާނުވާތީ މިހާތަނަށް ހޫތީންނަށް ރައްދުގައި ހަމަލާދީފައިނުވީ ނަމަވެސް ދެން އެގައުމުން ދިފާއުގައި ހަމަލާދޭނެ ކަމަށް އިޒްރޭލުން ބުނެފައި ވެއެވެ.