ކެމިކަލް ޑްރަގްސް އަޅާފައި ހުރި މެޓާތަކެއް އޮޅުމެއްގެ ތެރެއިން ނިއުޒިލޭންޑްގެ ފުޑް ބޭންކްއަކަށް ބަހާލެއްވިއްޖެ އެވެ.
މީގެ 4 ދުވަސް ކުރިން އޯކްލޭންޑްގެ ފުޑް ބޭންކުން ބަހާލި މެޓާތަކުގެ ތެރޭގައި މިހާތަނަށް 41 ގަނޑު މެޓަމްފެޓަމިން ހިމެނޭ ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފައިވެ އެވެ.
އިދާރާތަކުން ވަނީީ ނިމިދިޔަ ހުކުރު ދުވަހު، އާންމުންގެ އަތަށް އަރާފައިވާ މި މެޓާތަކުގެ 2 ޑަޒަނެއް ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އިއްޔެއާއި ހަމައަށް 65 މެޓާ އަތުލެވިފައިވާ ކަމަށް ފުލުުހުން ރިޕޯޓްކޮށްފައި ވެއެވެ.
މި މެޓާތަކުގެ ސަބަބުން އަދި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ނުވެ އެވެ.
ފުލުހުން ބުނީ މެލޭޝިޔާގެ ރިންޑާ ބްރޭންޑްގެ މެޓާ ވްރެޕާ ތެރޭގައި ހިމެނުނު މި މަސްތުވާތަކެތި ފުޑް ބޭންކަށް ހަދިޔާކޮށްފައިވާ ފަރާތެއް އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. އޯކްލޭންޑް ސިޓީ މިޝަނުން ބުނީ އެ ޖަމިއްޔާއަށް މެޓާގެ ނަމުގައި މަސްތުވާތަކެތި ފޮނުވާފައި ވަނީ މީގެ 6 ހަފްތާ ކުރިން ކަމަށެވެ. މި މެޓާ ގަތް މީހަކަށް އޭގެއިން ”ޝައްކުވާ ޒާތުގެ ރަހައެއް ލާ“ ކަމަށް ރިޕޯޓްކުރި ފަހުން އެ މިޝަންގެ މުވައްޒަފުން ވަނީ 400 އެއްހާ ކާބޯތަކެތީގެ ޕާރުސަލް ލިބުނު މީހުންގެ އަތުން މެޓާތައް އަނބުރާ ނެގުމުގެ މަސައްކަތް ކޮށްފަ އެވެ. މި މެޓާތައް ޓެސްޓް ކުރުމުން އޭގައި މަސްތުވާތަކެތީގެ ބާވަތެއް ހިމެނޭ ކަމަށް އެނގިފައި ވެއެވެ.
މެޓާ ބޭނުން ކުރުމަށްފަހު ތިން މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދިން ނަމަވެސް އަވަހަށް ޑިސްޗާޖްކޮށްފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. ފުލުހުން ބުނީ އެ މެޓާ ލިބުނު ގިނަ މީހުންނަށް އޭގެ ރަހަަ ނުބައިކަމުން އޭތި އެއްކޮށް ކެއުމުގެ ބަދަލުގައި އުކާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އާންމުކޮށް މަސްތުވާތަކެތި ބޭނުންކުރާނެ މީހަކު ނަގާ މިންވަރަށްވުރެ 300 ގުނަ މަތި ޑޯޒެއް އޭގެއިން ކޮންމެ މެޓާއެއްގައި ހިމެނޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މެޓާ ފޮއިލްގެ ތެރެއަށް މަސްތުވާތަކެތި ލައިގެން ގައުމުތަކަށް އެތެރެކުރުމަކީ އާންމު އުކުޅެއް ކަމަށާއި ނިއު ޒިލޭންޑްގެ ތެރޭގައި މަސްތުވާތަކެތި ހިމެނޭ މެޓާ އިތުރަށް ދައުރުވެފައިވާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެ އެވެ. މިހާތަނަށް ބެލި ބެލުމުން، ފުޑް ބޭންކުން މީގެ ކިތައް މެޓާ ބަހާފައިވާނެ ކަން ސާފުވެފައިނުވާ ކަމަށް ފުލުުހުން ބުނެފައިވެ އެވެ. ނަމަވެސް، ރިންޑާ ވްރެޕާގައި 80 ވަރަކަށް މެޓާ އަޅާފައިވާ 2 ދަބަހެއް ފުޑް ބޭންކަށް ހަދިޔާކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
ރިންޑާ ފުޑް އިންޑަސްޓްރީސް އިން ބުނީ މެލޭޝިއާގައި ހުންނަ އެ ކުންފުނީގެ ފެކްޓްރީ، މެލޭޝިއާގެ ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބަލައި ލެބޯޓްރީ ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ.
”ރިންޑާ ފުޑް އިންޑަސްޓްރީސް އިން ސީދާ ނިއުޒީލެންޑަށް މުދާ އެކްސްޕޯޓް ނުކުރާކަން އަޅުގަނޑުމެން ސާފުކޮށްދޭން ބޭނުން،“
ތަގައްޔަރުވެފައިވާ މެޓާގެ މަގުމަތީ އަގު މެޓާއަކަށް 1،000 ނިއުޒިލެންޑް ޑޮލަރު (608 ޑޮލަރު) އަށް އަރާތީ، މިކަމުން ދޭހަވަނީ އޭތި ފުޑް ބޭންކަށް ހަދިޔާކުރެވުނީ އޮޅުމެއްގެ ތެރެއިން ކަމަށް ފުލުހުން ލަފާކޮށްފައި ވެއެވެ.
މެޓަމްފެޓަމިންއަކީ އެންމެ ބާރުގަދަ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެކައްޗެވެ.