މިޔަރު ހަމަލާއެއްގައި ހޮލީވުޑްގެ ފިލްމީ ތަރި ޓަމާޔޯ ޕެރީ މަރުވެއްޖެ އެވެ.
ބީބީސީ އިން ރިޕޯޓްކުރި ގޮތުގައި އުމުރުން 49 އަހަރުގެ ޓަމާޔޯއަށް މިޔަރު ހަމަލާދީފައިވަނީ ހަވާއީގައި ރާޅާ އަޅަންގޮސް ހުއްޓާ އެވެ. އޭނާއަށް މިޔަރު ހަމަލާދީފައިވަނީ އިއްޔެ ދަންވަރު 01:00 ޖެހި އިރު އެވެ.
ޕެރީ ހޮނޮލުލޫގެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.
މަޝްހޫރު ފިލްމު ”ޕައިރެޓްސް އޮފް ދަ ކެރީބިއަންް: އޮން ސްޓްރޭންޖާ ޓައިޑްސް“ ގައި ކަނޑު ފޭރޭ މީހެއްގެ ރޯލުން ފެނުނު ޕެރީ އަކީ ލައިފް ގާޑެއްވެސް މެއެވެ. އޭނާއަކީ 10 އަހަރު ވަންދެން ރާޅާ އެޅުމުގެ ޕްރޮފެޝަނަލްއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތަރި އެކެވެ.
މީގެ އަހަރުތަކެއް ކުރިން ޕެރީ ވަނީ ފުރާނައަށް ނުރައްކާވާފަދަ އެކްސިޑެންޓަކާއި ކުރިމަތިލި ކަމަށް ބުނެފަ އެވެ. އެ ހާދިސާގެ އެއްވެސް ތަފްސީލެެއް އޭނާ ހާމަކޮށްފައި ނުވި ނަމަވެސް އެ ހާދިސާއަކީ އެހެން މީހެއްގެ ފަރުވާ ކުޑަކަމުން ހިނގި ހާދިސާ“ އެއް ކަމަށް ޕެރީ ބުނެފައި ވެއެވެ.