އިޒްރޭލަށް ދަތުރު ކުރަމުން ދިޔަ ދެ ބޯޓަކަށް މިސައިލް ހަމަލާތައް ދިންކަން ޔަމަނުގެ ހަތިޔާރު އެޅި ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ކަށަވަރުކޮށްދެއްވައިފި އެވެ.
ޔަހްޔާ ސާރީ ވިދާޅުވީ މިއީ ”ޓްރާންސްވޯލްޑް ނެވިގޭޓަރ“ އުޅަނދަށް ރަތް ކަނޑުގައި ހޫތީން ހަމަލާ އަމާޒުކުރި ދެވަނަ ފަހަރު ކަމަށެވެ.
ޔަމަންގެ މިސައިލް ޔުނިޓުން އިންޑިއާ ކަނޑުގެ “ސްޓޮލްޓް ސެކިއުއާ” ނަމަކަށް ކިޔާ އެހެން ބޯޓަކަށް މިސައިލަކުން ހަމަލާ އަމާޒުކޮށްފައިވާ ކަމަށްވެސް ޔަމަނުން އިއުލާން ކުރި އެވެ.
ޔަހްޔާ އިތުރަށް ވިދާޅުވިގޮތުގައި އެ ދެ އުޅަނދަށްވެސް ހަމަލާ އަމާޒުކޮށްފައި ވަނީ އިޒްރޭލު ބަނދަރުތަކަށް ވަނުމަށް މަސައްކަތްކުރި ކުންފުނިތަކަށް އެ އުޅަނދުތައް ނިސްބަތްވާތީ އެވެ.
އެހެން އުޅަނދެއްގެ ވާހަކައަށް އިޝާރާތްކޮށް ހޫތީން ބުނީ ޔޫއެސްއެސް ޑްވައިޓް ޑީ އައިސަންހަވާ ރަތް ކަނޑުން ފުރައިގެން ދިއުމަކީ ޔަމަނުގެ ސިފައިންގެ އޮޕަރޭޝަންގެ ނަތީޖާއެއްކަން ފާހަގަކޮށްފަ އެވެ.
ޔަމަނުގެ ސިފައިން އަނެއްކާވެސް ބޭރުގެ ކުންފުނިތަކަށް އިންޒާރު ދިނީ ގައްޒާގައި ހަނގުރާމަ ކުރަމުންދާ އިޒްރޭލަށް އެއްބާރުލުން ދީފިނަމަ އެ ކުންފުނިތަކުގެ ބޯޓުތަކަށް ހަމަލާދޭނެ ކަމަށް ބުނަމުން ނެވެ. އަދި އިޒްރޭލުގެ ބަނދަރުތަކަށް ބޯޓުފަހަރު ދަތުރުކުރުން ހުއްޓާލާފައިވާ ކުންފުނިތަކަށް ޝުކުރު އަދާކޮށްފައި ވެއެވެ.
7 އޮކްޓޫބަރަށްފަހު ހޫތީން ދަނީ އިޒްރޭލަށް ދަތުރުކުރާ ކަނޑު އުޅަނދުތަކަށް ހަަމަލާ ދެމުން ނެވެ. ނަމަވެސް އޭގެއިން އެއްވެސް ހަމަލާއެއްގައި އެއްވެސް ފަޅުވެރިއަކަށް ގެއްލުންވެފައިނުވާ ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ.
އިއްޔެ ހޫތީން ވަނީ އިރާގުގެ އިސްލާމިކް ރެސިސްޓެންސްއާއި ގުޅިގެން އިޒްރޭލުގެ ހައިފާ ބަނދަރަށް ދަތުރުކުރަމުންދިޔަ 4 އުޅަނދަކަށް ހަމަލާދީފަ އެވެ. އިރާގުގެ އިސްލާމިކް ރެސިސްޓެންސްއަކީ އީރާނުން ފަންޑްކުރާ ހަނގުރާމަވެރި ޖަމާއަތެކެވެ.