އިންޑިޔާއިން އިޒްރޭލަށް ވަރަށް ގިނަ ހަތިޔާރު ފޮނުވި ކަމަށް އިޒްރޭލުގެ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.
އިޒްރޭލު ނޫސް ޔެޑިއޮތު އަހްރޮނޮތު އާ ހަވާލާދީ ސާދާ އެލް ބަލަދު މީޑިއާއިން ބުނެފައި ވަނީ 7 އޮކްޓޫބަރުން ފެށިގެން ގައްޒާގައި ކުރަމުންދިޔަ ހަނގުރާމައިގައި އިންޑިއާއިން އިޒްރޭލަށް ބޮމާއި އެހެނިހެން ހަތިޔާރުތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ މީޑިއާތަކުން ފާހަގަކުރި ގޮތުގައި މިދިޔަ ޖޫން މަހު އިންޑިއާއިން ވަނީ ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކަށް (އިޒްރޭލަށް) ސްޕެއިން އިން ދަތުރުކުރި ބޯޓެއް ހުއްޓުވާފަ އެވެ. އެއީ ސްޕެއިން އިން ފަލަސްތީނަށް ފޯރުކުރަން އުޅުނު އިންސާނީ އެހީގެ ސާމާނުތައް ބަރުކޮށްފައިވާ ބޯޓެކެވެ. އަދި އިންޑިއާ ސިފައިންނަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް ހައިދަރުއާބާދު ސިޓީގައި ޑްރޯން ފެކްޓްރީއެއް އިޒްރޭލުން ހަދައިފައިވާ ކަމަށް ވެސް އެގައުމުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހިޒްބުالله އިން އިޒްރޭލުގެ ގިނަ އަދަދެއްގެ ޑްރޯން ވައްޓާލުމާ ގުޅިގެން އެ ފެކްޓްރީން ވަނީ 20 ޑްރޯން ހަދައި އިޒްރޭލުގެ ސިފައިންނަށް ފޮނުވާފަ އެވެ.
ވަރަށް ފަހުންވެސް ފަލަސްތީނުގެ ނޫސްވެރިން ވަނީ އިޒްރޭލުން ބޭނުންކޮށްފައިވާ ބޮމުގެ އާލާތެއްގައި އިންޑިއާގެ ”ހިންދުސްތާން“ ޖަހާފައިވާ ލޯގޯއެއް ހުރި މިސައިލްއެއް ދައްކާލާފަ އެވެ. އާންމު ގޮތެއްގައި އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ފޯރުކުރާ ކަމުގެ ވާހަކަތައް ފެތުރުނަސް އިންޑިއާ ފަދަ ގައުމުތަކުން އިޒްރޭލަށް ހަތިޔާރު ފޯރުކުރާ ކަމުގެ ވާހަކަތައް ދައުރުވެފައި ނުވެ އެވެ.