ހިޒްބުﷲ އިން އިއްޔެ އިޒްރޭލުގެ އަސްކަރީ ސަރަހައްދުތަކަށް 6 ފަހަރަށް ހަމަލާދީފި އެވެ.
އެހެން ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ހިޒްބުﷲ އިން ހާމަކޮށްފައި ނުވެ އެވެ.
ހިޒްބުﷲ އިން ވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ވަސީލަތްތައް މި ހަމަލާގެ ޒަރީޔާއިން ދައްކާލާފައި ކންް މީޑިއާ ރިޕޯޓްތަކުގައި ފާހަގަކުރި އެވެ. ހިޒްބުﷲ އިން މީގެ ކުރިން އަމިއްލައަށް ހަތިޔާރުތައް އުފައްދާ ހެދި ނަމަވެސް މިހާރު އެޖަމާއަތުގައި މޮޅެތި ހަތިޔާރުތައް އެބަހުރި ކަމަށް ހިޒްބުﷲ ލީޑަރުން ފާހަގަކުރި އެވެ. އެންމެ ފަހުން އިޒްރޭލުގެ އަސްކަރިއްޔާއަށް ދިން ހަމަލާގައި ހިޒްބުﷲ އިން ވަނީ މިސައިލާއި ޑްރޯންގެ ވަސީލަތްތައް ބޭނުންކޮށްފަ އެވެ. އެ ޖަމާއަތުގެ މި ހަމަލާގެ ބޭނުމަކީ ލުބްނާންގެ ދެކުނު ސަރަހައްދަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓުވުން ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
ހިޒްބުالله އަށް ފުރިހަމަ ހަމަލާއެއް ދިނުމަށް އިޒްރޭލު ސިފައިންގެ ޗީފް އޮފް ސްޓާފާއި ހަނގުރާމަ މިނިސްޓަރު ހުށަހެޅުއްވި އާ ޕްލޭންގެ ސަބަބުން ހަ ފަރާތަކުން ސަރަހައްދީ ހަނގުރާމައެއް ހިނގައި، އެންމެ ފަހުން މުޅި އިޒްރޭލު ސުންނާފަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިޒްރޭލު އަސްކަރިއްޔާއިން ބުނެފައި ވެއެވެ. އިޒްރޭލުގެ ނޫހަކުން ރިޕޯޓްކުރާގޮތުގައި ހިޒްބުﷲ އިން ހުރިހާ ސަރަހައްދަކަށް އަމާޒުކުރާ ހަމަލާތަކުން އިޒްރޭލުގެ ޕަވާހައުސްއަށް ގެއްލުންވެ، މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ.
ގައްޒާއަށް އިޒްރޭލުން ހަމަލާ ދޭން ފެށުމާ ގުޅިގެން ހިޒްބުالله އިން ވަނީ އިޒްރޭލުގެ އަސްކަރީ ތަންތަނަށް ހަމަލާ އަމާޒުކުރަން ފަށާފަ އެވެ. ރައްދުގައި އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހިޒްބުاللهގެ މެންބަރުންނާއި އާންމު ރައްޔިތުންނަށް ހަމަލާދީ، އެތައް ބަޔަކު މަރާލާފަ އެވެ. މިހާތަނަށް މި ހަމަލާތަކުގައި 400 މީހުން މަރުވި ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.