އިންޑިއާއަށް މިހާރު ކުރަމުންދާ އާދަޔާހިލާފު ހޫނުމޫސުމުގެ އަސަރާއި ގުޅިގެން 40،000 މީހަކަށް ހީޓް ސްޓްރޯކް ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށް އެގައުމުން ބުނެފި އެވެ.
ގަދަ އަވީގައި ޖެހިގެން މިހާތަނަށްް 100 ވަރަކަށް މީހުން އިންޑިއާއިން މަރުވެފައިވާ ކަމަށް ރިކޯޑްކޮށްފައިވާއިރު އެގައުމުގެ އުތުރަށް ކުރި ގަދަ ވިއްސާރައިގައި ބޮޑު ސަރަހައްދެއް ފެންބޮޑުވެފައިވާ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ވިއްސާރަ ބޯވެ، ބިންގަނޑު ކަނޑައިގެންނާއި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު އިންޑިއާއިން މަރުވެފައިވާ ކަމަށް ނިމިދިޔަ މޭ މަހު އާންމުކުރި މައުލޫމާތުން ހާމަވެފައި ވެއެވެ. އައްސާމްގެ ސްޓޭޓުން އެކަނިވެސް 30 ވަރަކަށް މީހުން ވަނީ ފެންބޮޑުވި ސަރަހައްދުތަކުން މަރުވެފަ އެވެ.
މިހާރު ދުނިޔެއަށް ކުރަމުންދާ ހީޓް ވޭވްގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ އޭޝިއާ ބައްރުގެ ގައުމުތަކަށެވެ. އިންޑިއާގެ އުތުރުގައި މިވަގުތު ފިނިހޫނުމިން އުޅެނީ ގާތްގަނޑަކަށް 50 ޑިގްރީ ސެލްޝިއަސްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ރިކޯޑް މިންވަރެއް ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.
“ ގަދައަވީގެ ސަބަބުން އުދުހެމުންދާ ދޫނިތައް ބިންމައްޗަށް ވެއްޓި، މާޗް މަހުން ފެށިގެން ހެނދުނާއި ރޭގަނޑު ހޫނުގަދަވުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް އަންނަ ބަލިމީހުން އިތުރުވެފައިވޭ“ ރޮއިޓާސް އިން ރިޕޯޓްކޮށްފައި ވެއެވެ.
އިންޑިއާ ސަރުކާރުން ވަނީ ސްޓޭޓްތަކުން މިކަމަށް ސަމާލުވުމަށް އެދިފަ އެވެ. ނަމަވެސް ވެރިރަށް ދެއްލީގެ ހޮސްޕިޓަލުތަކުގައި ފެނުގެ ދަތިކަން ދިމާވެފައިވާއިރު އެނދުތައް ގިނަ ކުރުމަށް ހެލްތް މިނިސްޓްރީން ވަނީ އަންގާފަ އެވެ.