ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރުގެ ކިޑްނީއެއް ލައްވައިގެން ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރި މީހާ ދެ މަސް ފަހުން މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިންސާނެއްގެ ކިޑްނީއަކާއި އެއްގޮތްކުރަން ޖެނެޓިކަލީ މޮޑިފައިކޮށްގެން ތައްޔާރުކޮށްފައިވާ ކިޑްނީއެއް ލެއްވި ރިޗާޑް ސްލެއިމަން މަރުވީ އުމުރުން 62 އަހަރުގަ އެވެ.
މެސެޗުސެޓްސް ޖެނެރަލް ހޮސްޕިޓަލް (އެމްޖީއެޗް) އިން އާދީއްތަ ދުވަހު ބުނީ އޭނާ މަރުވީ ޓްރާންސްޕްލާންޓްގެ ސަބަބުން ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށެވެ. ރިޗާޑް މާޗް މަހުގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރީ ކިޑްނީ ފެއިލްވެ، ބަލީގެ އެންމެ ފަހު ސްޓޭޖަށް ގޮސްފައި ހުރުމުގެ ސަބަބުން ނެވެ.
ޖެނެޓިކަލީ އޫރުގެ އެހެން ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމަކީ މީގެ ކުރިން ވެސް ނާކާމިޔާބުވެފައިވާ ކަމެކެވެ. ނަމަވެސް ސްލޭމަންއަށް ކުރުވާފައިވާ މި ސާޖަރީ ވެގެންދިޔައީ މިފަދަ ސާޖަރީއެއް ކާމިޔާބުވީ ފުރަތަމަ ފަހަރަށެވެ. ކިޑްނީ ބަލީގެ އިތުރުން ސްލޭމަން އަށް ޓައިޕް 2 ހަކުރުބައްޔާއި ހައިޕަރޓެންޝަންގެ ހާލަތްވެސް ކުރިމަތިވި އެވެ. 2018 ވަނަ އަހަރު އޭނާގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރި ނަމަވެސް ފަސް އަހަރު ފަހުން އެ ޓްރާންސްޕްލާންޓް ވަނީ ފެއިލްވެފަ އެވެ.
16 މާޗްގައި އޭނާގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ފަހު، އާ ގުނަވަން ރަނގަޅަށް މަސައްކަތް ކުރާ ކަމަށް ބުނުމުން އޭނާގެ ޑޮކްޓަރުން ވަނީ އޭނާއަށް ޑައިލިސިސް ބޭނުންނުވާކަން ކަށަވަރުކޮށްދީފަ އެވެ. އެއާއެކު، މެޑިކަލް ޕްރޮފެސަރުންނަށް ގުނަވަން ޓްރާންސްޕްލާންޓް އޮޕަރޭޝަންތައް ކުރިއަށްގެންދަން އާ އުންމީދެއް ލިބިގެންދިޔަ ކަމަށް ވަރަށް ގިނަ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ.
ސްލޭމަންގެ ގާތްތިމާގެ މީހުން ބުނީ އޭނާ މި އޮޕަރޭޝަން ކުރިއަށްގެންދިޔައީ އެހެން މީހުންނަށް އުންމީދެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
”ރިކް ބުނީ އޭނާ މި ޕްރޮސީޖާ ކުރިއަށް ގެންދިޔަ އެއް ސަބަބަކީ ދިރިހުރުމަށް ޓްރާންސްޕްލާންޓް ބޭނުންވާ އެތައް ހާސް މީހުންނަށް އުއްމީދެއް ހޯދައިދިނުން ކަމަށް،“ އެމީހުން ބުންޏެވެ.