އެމެރިކާ ޔުނިވާސިޓީތަކުގެ ބޮޑު ބައެއް ހަމާސްއާއި ގައްޒާއަށް ތާއީދުކުރާ ކަމަށް އެމެރިކާގެ އިތުބާރު ހިފޭ ނޫހެއް ކަމުގައިވާ ނިޔު ޔޯކް ޕޯސްޓުން ކުރިއަށްގެންދިޔަ ޕޮލްއަކުން ދައްކައިފި އެވެ.
ސާވޭގައި ބައިވެރިވި އެމެރިކާގެ ޔުނިވާސިޓީ ދަރިވަރުންގެ 63 އިންސައްތަ މީހުން ހަމާސްއަށް ތާއީދުކުރާ ކަމަށް ޖަވާބުދީފައިވާ ކަމަށް ފަލަސްތީނުގެ ސަމާ ނޫސް އެޖެންސީން ހުކުރު ދުވަހުގެ ހެނދުނު ރިޕޯޓްކޮށްފައި ވެއެވެ/
ހަމަ އެ ރިޕޯޓަށް ބިނާކޮށް ފަލަސްތީނާއި ގައްޒާގެ ރައްޔިތުންނަށް ތާއީދުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުޒާހަރާތަކަށްވެސް ޔުނިވާސިޓީތަކުގެ 65 އިންސައްތަ ދަރިވަރުން ތާއީދުކުރި އެވެ. އޭގެ ތެރެއިން 43 އިންސައްތަ މީހުންނަކީ މިހާރު ކުރިއަށްދާ ކެމްޕަސް މުޒާހަރާތަކުގައި ބައިވެރިވެފައިވާ މީހުންނެވެ.
މި ސާވޭއިން ދައްކާ ގޮތުގައި މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން 15 އިންސައްތަ މީހުން ވެސް ގަބޫލުކުރާ ގޮތުގައި އިޒްރޭލުގެ ވެރިކަން އުފެދިގެން ނުވާނެ އެވެ.
މި ސާވޭ ކުރިއަށް ގެންދަނީ އިޒްރޭލުން ގައްޒާއާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައާއި އެމެރިކާ ސަރުކާރުން އެ ވެރިކަމަށް ތާއީދު ކުރުމުން ޔުނިވާސިޓީ ކެމްޕަހުގައި ރުޅިވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
އޭޕްރީލް 18 ވަނަ ދުވަހު ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވާސިޓީގައި ފެށި މުޒާހަރާ މިހާރު ވަނީ އެމެރިކާގެ ދިހަވަރަކަށް ޔުނިވާސިޓީ އާއި ކޮލެޖްތަކަށް ފެތުރި، ޔޫރަޕާއި ކެނެޑާ، އޮސްޓްރޭލިއާ އަދި އޭޝިއާ ފަދަ އެހެން ގައުމުތަކުގެ ތައުލީމީ މުއައްސަސާތަކަށް ވެސް ފެތުރިފަ އެވެ.
މީގެ ކުރިން ސީއެންއެން އިން އިއުލާން ކުރި ގޮތުގައި އެމެރިކާގެ ޔުނިވާސިޓީ ކެމްޕަސްތަކުގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތަކާއި ކޭމްޕްތައް ފެށި ފަހުން މަދުވެގެން 50 ޕްރޮފެސަރުންނާއި 2،400 އަށް ވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފައި ވެއެވެ.
މި މުޒާހަރާތަކުގައި ބައިވެރިވި ދަރިވަރުން ވަނީ ޔުނިވާސިޓީތަކުން އިޒްރޭލުގެ އިންވެސްޓަރުންގެ ހިއްސާ ދޫކުރުމަށް ގޮވާލާފަ އެވެ. އެމެރިކާގެ އެންމެ މަތީ ފެންވަރުގެ ބައެއް ޔުނިވާސިޓީތަކުންވަނީ ދަރިވަރުންގެ އެ ޑިމާންޑާއި އެއްގޮތަށް އަމަލުކޮށްފަ އެވެ.