ރަޝިޔާއަށް ނުރައްކާވެދާނެފަދަ ހާލަތެއްގައި ހަމަލާއިން ދިފާއުވުމަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އިޝާރާތެއް ރަޝިޔާގެ ސެކިއުރިޓީ ކައުންސިލުގެ ޑެޕިއުޓީ ޗެއާމަން ޑިމްޓްރީ މެޑްވެޑެވް ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ޑިމިޓްރީ އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ވަނީ ހުޅަނގުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރުތަކުން ރަޝިޔާއަށް ގެއްލުންވާކަން ފާހަގަކުރައްވާފަ އެވެ.
”ވަކި ހާލަތްތަކެއްގައި ރައްދު (އެފަދަ ހަމަލާތަކަށް) އަމާޒުކުރެވޭނީ ހަމައެކަނި ކިއެވް އަށް ނޫން،“
ރަޝިޔާއިން ބުނި ގޮތުގައި ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާގެ އިންޒާރުތަކަށް ފަހު އަސްކަރީ ތަމްރީނެއްގެ ތެރެއިން ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބެހެއްޓުމުގެ ޕްރެކްޓިސް ކުރާނެ ކަމަށެވެ.
މެޑްވެޑޭވް ވަކިން ހާއްސަކޮށް އިޝާރާތް ކުރެއްވީ ރަޝިޔާގެ އެތެރޭގައި ހުންނަ އަމާޒުތަކާ ދެކޮޅަށް އިނގިރޭސިން ފޯރުކޮށްދޭ ހަތިޔާރު ޔޫކްރޭނަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ދާދި ފަހުން ދެއްކެވި ވާހަކަތަކަށެވެ. ކެމަރަން ސިފަކުރުމަށް އޭނާ ވަނީ އަވަގުރާނަ ބަހެއް ބޭނުން ކުރައްވާފަ އެވެ.