ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ އދ. ގެ ރެފިއުޖީންނާއި ބެހޭ އެޖެންސީގެ އޮފީހުގައި އިޒްރޭލުގެ އާންމުންގެ ބަޔަކު އަލިފާން ރޯކޮށްލައިފި އެވެ.
އީސްޓް ޖެރުސަލެމްގައި ހުންނަ ޔޫއެންއާރްޑަބްލިޔު އެޖެންސީގައި ރޯކޮށްފައިވަނީ ހުޅަނގު އައްސޭރީގައި ގަވާއިދާއި ހިލާފަށް ވަޒަންވެރިވެފައިވާ އިޒްރޭލުގެ ރައްޔިތުން ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.
އެއާއެކު، ޔޫރަޕިއަން ޔުނިއަންއިން ވަނީ އެމީހުންގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ.
“އިރުމަތީ ގުދުސްގައި ހުންނަ ޔޫއެންއާރުޑަބްލިއުއޭގެ އޮފީހަށް ދިން ހަމަލާ އީޔޫއިން ވަރަށް ބޮޑަށް ކުށްވެރިކުރަން. ކުށްވެރިން ޖަވާބުދާރީވާން ޖެހޭ،” އީޔޫގެ ހާރިޖީ ސިޔާސަތުގެ ޗީފް ޖޯސެޕް ބޮރެލް އެކްސްގައި ވިދާޅުވެފައި ވެއެވެ.
މި ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ރެފިއުޖީންގެ އަސާސީ ބޭނުންތައް ބަލަހައްޓަން ވަކި މެންޑޭޓެއް އޮންނަ ހަމައެކަނި އދ. ގެ އިދާރާއަށެވެ. އިޒްރޭލުން ބުނަނީ މި އިދާރާ ވުޖޫދުން ނެތިއްޖެނަމަ ރެފިއުޖީންގެ މައްސަލަ ދެން އުފެދިގެން ނުދާނެ ކަމަށާއި، ފަލަސްތީނުގެ ރެފިއުޖީންނަށް އެމީހުންގެ ބިމަށް އެނބުރި އައުމުގެ ޝަރުއީ ހައްގު ކޮންމެހެން ބޭނުން ނުވާނެ ކަމަށެވެ. އިޒްރޭލަށް އދ. ގެ މެންބަރުކަން ލިބިފައިވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެމީހުންގެ ގެދޮރާއި ބިމަށް އެނބުރި ދިއުމުގެ ހުއްދަ ދިނުމަށް ޝަރުތުކޮށްފައި ނަމަވެސް އިޒްރޭލުން ވަނީ 1940 ގެ ފަހުން ފަލަސްތީނު މީހުންގެ ހައްގުތަކަށް އަރައިގެންފަ އެވެ.
އިއްޔެގެ ހަމަލާއާ ގުޅިގެން ޔޫއެންއާރުޑަބްލިއުއޭ އިން ބުނެފައި ވަނީ ސެކިއުރިޓީ އިއާދަ ކުރެވެންދެން އެ އޮފީސް ބަންދުވާނެ ކަމަށެވެ.