މިފްކޯގެ މަސް ޕްރޮސެސިންގ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރަން ނިންމައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިފްކޯގެ މަސް ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކުރުމަށް ރޭވިފައިވާ މަސައްކަތްތައް މިހާރު ވަނީ ފެށުމަށް ތައްޔާރުވެފައި ކަމަށާއި، މި މަސައްކަތްތައް ދެ އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ތިން ސަރަހައްދެއްގައި ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށާއި، މިހާރު ހުރި 35 ޓަނުގެ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އިތުރުކުރުމާ އެކު ރާއްޖޭގައި ބާނާ މަހުގެ 90 އިންސައްތައަށް ވުރެ ގިނަ އަދަދެއްގެ މަސް ޕްރޮސެސްކޮށް ބޭރުގެ ބާޒާރުތަކަށް ފޮނުވޭނެ ކަމަށެވެ. މީގެ ސަބަބުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، އެ ފަރާތްތަކުގެ އިޤްތިޞާދީ ހާލަތު ރަނގަޅުވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

ރޯ މަސް ބޭރުކުރުމުގެ ބަދަލުގައި ޕްރޮސެސްކޮށްގެން ބޭރުކުރުމުން ރާއްޖެއަށް ލިބޭ މަންފާ އިތުރުވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންނަށް ރަނގަޅު އަގެއް ލިބޭނީ މިހާރު ހުރި ވަސީލަތްތަކުގެ ކެޕޭސިޓީ އިތުރުކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓޯރޭޖް ކެޕޭސިޓީއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސްގެ ވައުދުފުޅަށްވުރެ އިތުރަށް، ސްޓޯރޭޖް ކެޕޭސިޓީ ތިން ގުނައަށް އިތުރުކުރަން ޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެހި، ބައެއް މަޝްރޫޢުތައް އިޢުލާންކުރެވި، ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރު ދުވަހުގެ ތެރޭގައި ނިމި ޚިދުމަތް ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، 115 އޮޑީގައި އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރެވޭނެ ކަމަށާއި، މިއީ މަސްވެރިކަމުގެ ސިނާޢަތަށް ދިގު މުއްދަތުގެ ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ