ރިސޯޓު ލީގު ސައުތު މާލެ ޒޯން މިއަދު ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ކްރޮސްރޯޑްސް މޯލްޑިވްސް އިން ފެށުން ރަނގަޅުކޮށްފި އެވެ.
މިއަދު ހަވީރު ކްރޮސްރޯޑްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން، ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކްރޮސްރޯޑްސްގެ ހަސަން ލައުހް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. ކްރޮސްރޯޑްސް އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން، ދެ ޓީމުންވެސް ވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ހާޑް ރޮކް އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ކްރޮސްރޯޑްސް އިންވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ޝައްފާން ހަލީމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްރޮސްރޯޑްސްގެ ލައުހް އެވެ.
ކްރޮސްރޯޑްސް އާއި ހާޑް ރޮކްގެ އިތުރުން، ގުރޫޕު ”އޭ“ ގައި ދެން ހިމެނެނީ އަނަންތަރާ ދިގު އެވެ. މުބާރާތުގައި ބައިވެރިވި 12 ޓީމު ބަހާލެވިފައިވަނީ ހަތަރު ގުރޫޕަކަށެވެ.
