ފްރާންސުގެ ޕެރިހުގައި މިހާރު ކުރިޔަށްދާ އޮލިމްޕިކްސްގެ ސްވިމިން އިވެންޓުގައި، ރާއްޖޭގެ މުހައްމަދު އާން ހުސެއިން، ގައުމީ ރެކޯޑެއް މުގުރާލައި ހީޓުގެ ތިންވަނަ ހޯދައިފި އެވެ.
މިއަދު ކުރިޔަށްދިޔަ އޮލިމްޕިކްސްގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި އާން ވާދަކޮށްފައިވަނީ ހަތަރުވަނަ ހީޓުގަ އެވެ. ގައުމީ ރެކޯޑް އައުކޮށް، އާން ރޭސް ނިންމާފައިވަނީ 24.22 ސިކުންތުންނެވެ. މިއާއެކު އާން އަށް ވަނީ ހީޓުގެ ތިންވަނަ ލިބިފަ އެވެ.
މި އިވެންޓުގެ ރެކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް އާން އެވެ. އެއީ މިއަހަރުގެ މެއި މަހު ކުރިއަށްދިޔަ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސް ގައި 24.28 ސިކުންތުން ރޭސް ނިންމައިގެނެވެ. އެހެންކަމުން، އާން ވަނީ އޭނާގެ އަމިއްލަ ރެކޯޑަށް ކުރިއެރުމެއް ހޯދާފަ އެވެ.
އާން ހިމެނޭހެން، މި ހީޓުގައި ވާދަކޮށްފައިވަނީ ޖުމްލަ އަށް އެތުލީޓުންނެވެ. މި ހީޓުން އެއްވަނަ ހޯދި ސްވިޒަލެންޑްގެ އެތުލީޓު، ރޭސް ނިންމާފައިވަނީ 22.95 ސިކުންތުންނެވެ. އަދި ދެވަނަ ހޯދި ބުރުނޑީގެ އެތުލީޓުގެ ޓައިމިން އަކީ 23.80 ސިކުންތެވެ.
ރާއްޖޭގެ އައިޝަތު އުލްޔާ ޝާއިގު ވާދަކުރާ އިވެންޓު މާދަމާ ކުރިޔަށްދާނެ އެވެ. އޭނާ ވާދަކުރާނީ އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ.


