ރިސޯޓު ލީގު ބާ ޒޯނުގެ ސެމީ ފައިނަލުގައި، އެންމެ ފަހުގެ ޗެމްޕިއަން ފިނޮޅު ކަޓުވާލުމަށްފަހު ފޯ ސީޒަންސް ލަނޑާ ގިރާވަރުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ފޯ ސީޒަންސް އަކީ ގުރޫޕު ”އޭ“ ގެ ދެވަނަ ޓީމެވެ. އަދި ފިނޮޅު އެއީ ގުރޫޕު ”ބީ“ ގެ އެއްވަނަ ޓީމެވެ. ފޯ ސީޒަންސް އިން ފިނޮޅު ބަލިކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފައިނަލުގައި ފޯ ސީޒަންސް ކުޅެން ޖެހޭނީ އަނަންތަރާ އާއެވެ. އަނަންތަރާ އިން ވަނީ 5-2 ގެ ނަތީޖާއަކުން މިލައިދޫ ބަލިކޮށްފަ އެވެ.
ފިނޮޅާއި ފޯ ސީޒަންސް ބައްދަލުކުރި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، ފިނޮޅުގެ ފައުލްތައް ގިނަވެ، އެ ޓީމު ވަނީ ޕްރެޝަރަށް ގޮސްފަ އެވެ. އެޔަށްފަހު މެޗު ނިމެން ކައިރިވެފައިވަނިކޮށް، ފަސް ފައުލް ހަމަވެ، ފޯ ސީޒަންސް އަށް ވަނީ ދުރު ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، މުހައްމަދު އައްބާސް ވަނީ ފޯ ސީޒަންސް އަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން، ހަސަން ނިފްރާހު ވަނީ ލަނޑެއް ޖަހައި، ފޯ ސީޒަންސް އަށް ލީޑު ފުޅާކޮށްދީފަ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގެ 30 ވަނަ މިނެޓުގައި ފިނޮޅުގެ ހަސަން ޝާމް ވަނީ ހިލޭ ޖެހުމަކުން ލަނޑު ޖަހައި، އެ ޓީމަށް އުއްމީދެއް ހޯދަދީފަ އެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން ފޯ ސީޒަންސްގެ މުހައްމަދު މަހްމޫދު ސައިފް ވަނީ ލަނޑެއް ޖަހައި، ފަރަގު ބޮޑުކޮށްފަ އެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުގައި ފިނޮޅުގެ ކެޕްޓަން، އިބްރާހިމް ނާފިޒް އަށް ފޯ ސީޒަންސްގެ ކީޕަރު ފައުލް ކުރުމާ ގުޅިގެން ފިނޮޅަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ނާފިޒް ވަނީ އަނެއްކާވެސް ފަރަގު ކުޑަކޮށްފަ އެވެ.
މެޗު ނިމެން ކައިރިވެފައިވަނިކޮށް، ފޯ ސީޒަންސް އަށް ވަނީ ދުރު ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް، ފިނޮޅުގެ ކީޕަރު، އަލީ ހަމްދާން ވަނީ ޕެނަލްޓީ ދިފާއުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފޯ ސީޒަންސްގެ މުހައްމަދު މަހްމޫދު ސައިފް އެވެ،