ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކެޓްރީނާ ކައިފް އަދި ވިކީ ކައުޝަލް މިއަހަރުގެ އާ އަހަރު ފާހަގަކުރުމަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
މި ދެ ތަރިން ރާއްޖެއަށް އައިސްފައިވަނީ އާ އަހަރު ފެށުމުގެ ދެ ދުވަސް ކުރިންނެވެ.
ކެޓްރީނާ އާއި ވިކީ އަކީ އެކި މުނާސަބަތުތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ބައެއްކަމުގައި ވީނަމަވެސް، މި ފަހަރު އެ ދެ ތަރިން ހުރި ރިސޯޓެއް އަދި ހާމަވެފައެއް ނުވެއެވެ.
މި ދަތުރުގެ މަޢުލޫމާތު ހާމަވެފައިވަނީ ކެޓްރީނާ އިއްޔެ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ކުރި ޕޯސްޓަކުންނެވެ. އާ އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ކުރި މި ޕޯސްޓުގައި ކެޓްރީނާ ވަނީ މި ދަތުރުގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް، އެ ޕޯސްޓުގައި އެމީހުން ތިބި ތަނެއް ޓެގުކޮށްފައެއް ނުވެ އެވެ.
މި ދެ ތަރިންގެ ކައިވެނީގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކޮށްފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އިންޑިއާގެ ރާޖިސްތާނުގައެވެ. އަދި ކެޓްރީނާގެ 39 ވަނަ އުފަންދުވަސް ވެސް ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގައެވެ.
ވިކީ އާއި ކެޓްރީނާ ކައިވެނިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި ދެ ތަރިންނަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑެވެ.