އިންޑިޔާގެ ބޮލީވުޑް ފިލްމު ކުޅޭ އަރަމުންދާ ތަރި، އަމައިރާ ދަސްތޫރް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގާ ވިޒިޓް މޯލްޑިވްސްއިން މިއަދު ހާމަކުރި ގޮތުގައި، އަމައިރާ މިވަގުތު ޗުއްޓީ ހޭދަކުރަމުންދަނީ ބ. އަތޮޅުގައި ހުންނަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިޒޯޓްގަ އެވެ.
އަމައިރާއަކީ ހިންދީ ފިލްމުތަކުގެ އިތުރުން ޓެމިލް ސިނަމާއާއިވެސް ރައްޓެހި މޫނެކެވެ. އޭނާ ވަނީ ހޮލީވުޑްގެ މަޝްހޫރު ތަރި ޖެކީ ޗެންއާއި އެކު ”ކުންގް ފޫ ޔޯގާ“ ގައި ހަރަކާތްތެރިވެފަ އެވެ.
ވިޒިޓް މޯލްޑިވްސްއިން އިތުރަށް ހާމަކުރި ގޮތުގައި، އަމައިރާ މި ރިޒޯޓްގައި ހުރެ ކަސްރަތު ކުރުމާއި ޔޯގާ އަދި ސްޕާ ތެރަޕީ ފަދަ ހަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން، ރާއްޖެއިން އާންމުކޮށް ފެންނަ ވެލާތައް ބަލާލަން ފީނުމުގެ ތަޖުރިބާވެސް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އަމައިރާ އަމިއްލައަށް ބުނެފައިވަނީ ރާއްޖޭގައި އޭނާ ހޭދަކުރި ވަގުތުކޮޅުގައި ވަރަށް ތާޒާކަން ލިބުނު ހަރަކާތްތަކުގައި ބައިވެރިވެގެން ތަފާތު ތަޖުރިބާއެއް ހިއްސާ ކުރެވުނު ކަމަށެވެ.
އެމްއެމްޕީއާރުސީން އަންނަނީ އިންޑިއާގެ މާކެޓް އިތުރަށް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިވަގުތުވެސް އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ފާހަގަކުރެ އެވެ.
ރާއްޖެ - އިންޑިއާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)