ކުއްޖެއްގެ ދިރިއުޅުމުގައި އެންމެ މުހިންމު ގުޅުމަކީ އެ ކުއްޖަކާއި އޭނާގެ މައިންބަފައިންނާ ދެމެދު އުފެދޭ ގުޅުމެވެ. ކުދިންނަށް އެމީހުންގެ ވަށައިގެންވާ މާޙައުލާ ބެހޭ ގޮތުން ދަސްވެފައިވަނީ މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ ހެޔޮ ގުޅުމުގެ ތެރެއިންނެވެ. ކުދިން ބޮޑުވެ، ތަރައްޤީވަމުންދާ ވަރަކަށް، އެކުދިން ބަލަމުންދަނީ މައިންބަފައިންގެ ފަރާތުން ލިބޭ ރައްކާތެރިކަމާއި ލޯތްބަށެވެ. މި ގުޅުމަކީ އެކުދިންގެ މުސްތަޤުބަލުގެ އިޖްތިމާޢީ ގުޅުންތައް ބިނާކުރާނެ އަސާސެވެ.
މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ޕޮޒިޓިވް-ޕެރެންޓިންގ އުކުޅުތަކަށް އަލިއަޅުވާލަމާ ހިނގާށެވެ.
-
ލޯބި ފާޅުކުރުން
ދަރިންނަށް އަނގަބަހުން ލޯބިވާކަން ބުނުމުގެ އިތުރުން، ޢަމަލީ ގޮތުން ވެސް ލޯބި ދެއްކުމަކީ މުހިންމު ކަމެކެވެ. ދަރިފުޅުގައި ބައްދައިލުމާއި ފިރުމާލުމަކީ އިހުސާސީ އަދި ނިއުރޯބަޔޮލޮޖިކަލް ތަރައްޤީއަށް މުހިންމު ކަންކަމެވެ. ކޮންމެ މުޢާމަލާތެއް ވެސް ދަރިފުޅާ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ދެކޭށެވެ.
-
އުސޫލުތަކާއި ނަތީޖާތައް ކަނޑައެޅުން
ކުޑަކުދިން ބޮޑުވަމުންދާއިރު، އެކުދިންގެ ވަށައިގެންވާ މާޙައުލާ ބެހޭ ގޮތުން ދަސްކުރަމުންދާއިރު، ރަނގަޅު އޮނިގަނޑަކާއި އިރުޝާދު ބޭނުންވެ އެވެ. ދަރިންގެ ކިބައިން އުންމީދުކުރާ ކަންކަމާ ބެހޭ ގޮތުން ދަރިންނާ މަޝްވަރާކޮށް، އެކަންކަން އެކުދިންނަށް ވިސްނައިދިނުމަށް މަސައްކަތްކުރާށެވެ.
-
އަޑުއެހުމުގެ މުހިންމުކަން
ދަރިފުޅާއެކު ހަރުދަނާ ގުޅުމެއް ބިނާކުރުމުގެ ފުރަތަމަ ފިޔަވަޅަކީ އަޑުއެހުމެވެ. ދަރިފުޅުގެ އިހުސާސްތަކަށް އިހުތިރާމްކޮށް، އެ އިހުސާސްތައް ދެނެގަތުމާއެކު، ކޮންމެ ދަތި ދަނޑިވަޅެއްގައިވެސް އެހީތެރިވުމަށް ތައްޔާރަށް ތިބިކަން ޔަޤީންކޮށްދޭށެވެ. ދަރިފުޅުގެ ނަޒަރިއްޔާއިން ކަންކަން ދެކެން މަސައްކަތްކުރުމާއި، އޭނާގެ ވާހަކަތަކަށް ސަމާލުކަންދީ އަޑުއަހައި، އެ ވާހަކަތަކާމެދު ހަމްދަރުދީވުމަކީ، ދެފަރާތުގެ ދެމެދުގައި އޮންނަ އިހުތިރާމް އިތުރުވެ، ގުޅުން ބަދަހިވުމަށް މަގުފަހިވާނެ ކަމެކެވެ.
-
އެކުގައި ކުޅުމުގެ މުހިންމުކަން
ކުޅިވަރަކީ ކުޑަކުދިންގެ ތަރައްޤީއަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ކުޅިވަރުގެ ސަބަބުން ކުދިންގެ ބަހުގެ ހުނަރު ކުރިއަރައި، އިހުސާސްތައް ފާޅުކުރުމަށް ފަސޭހަވެ، އުފެއްދުންތެރިކަން އިތުރުވެ، އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ހުނަރު ދަސްވެ އެވެ. މީގެ އިތުރުން، ދަރިފުޅާއެކު ކުޅުމަކީ ގުޅުން ވަރުގަދަކުރުމުގެ އުފާވެރި ވަސީލަތެކެވެ. މިކަމުގައި މުހިންމީ ބޭނުންކުރާ ކުޅޭ އެއްޗެއް ނޫނެވެ. އެންމެ މުހިންމީ ދަރިފުޅަށް ވަގުތު ހޭދަކޮށް، އަޅާލުން ދިނުމެވެ.
-
ވަގުތު ދިނުމުގެ މުހިންމުކަން
ދުވާލަކު މަދުވެގެން 10 މިނެޓު ނަމަވެސް، ދަރިފުޅާއެކު ހޭދަކުރުމަށް ޚާއްޞަ ވަގުތެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ވަގުތުގައި ރަނގަޅު މުވާޞަލާތީ އާދަތައް ދަސްކޮށްދިނުމަށްޓަކައި، ޓީވީ ނިއްވާލައި، އިލެކްޓްރޯނިކް ވަސީލަތްތައް އެއްފަރާތްކޮށް، އެކުގައި ފައިދާހުރި ގޮތެއްގައި ވަގުތު ހޭދަކުރުމަށް އިސްކަންދޭށެވެ.
-
އާއިލާއާއެކު ކެއުން: ގުޅުން ބަދަހިކުރުމުގެ މުހިންމު ވަގުތެއް
އާއިލާގެ މެންބަރުން އެއްތަނަކަށް އެއްވެ، އެކުގައި ކައިބޮއެ އުޅުމަކީ ގުޅުން ބަދަހިކުރުމަށާއި، ދަރިންނާއެކު މުހިންމު ވާހަކަތައް ދެއްކުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މި ވަގުތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، ހުރިހާ މެންބަރުންވެސް މޯބައިލް ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް އެއްފަރާތްކޮށް، އެކަކު އަނެކަކާ މުޢާމަލާތްކުރުމަށް އިސްކަންދޭންވާނެ އެވެ. މީގެއިތުރުން، ކެއުމުގެ ވަގުތަކީ ދަރިންނަށް ދުޅަހެޔޮ އަދި ބެލެންސްވެފައިވާ ކާނާގެ މުހިންމުކަން އަމަލީގޮތުން ދަސްކޮށްދިނުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ދަރިންނާއެކު ގާތްގުޅުމެއް ޤާއިމުކުރުމަށްޓަކައި، އެކުގައި ވަގުތު ހޭދަކުރުމާއި އިތުބާރުހުރި މާޙައުލެއް އުފެއްދުމަކީ ކޮންމެހެން މުހިންމުކަމެކެވެ. މި މަސައްކަތުގައި ވަކި ޚާއްޞަ ގޮތެއް ނެތްކަމާއި، އަދި ދަތިތަކާ ކުރިމަތިލާންޖެހިދާނެކަން ދެނެގަތުން މުހިންމެވެ. ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދާނަމަ، މައިންބަފައިންނާއި ދަރިންގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާވެ، އޭގެ ހެޔޮ ނަތީޖާ ފެންނާނެކަން ކަށަވަރެވެ.