ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފަހަތުން އަރައި ޓީއޯއެފް ބަލިކޮށް، ވަން ޓަޗް ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ ބުރުން އެއްވަނަ ހޯދައި، ބެންކޮކް ރަނިން ފައިނަލަށް ދަތުރުކޮށްފައިވާއިރު، ސެމީ ގައި ކުޅުނީ ދެވަނަ އަދި ތިންވަނަ ޓީމެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައިވެސް ބައްދަލުކޮށްފައިވަނީ ޓީއޯއެފް އާއި ވަން ޓަޗެވެ. ވަން ޓަޗުން ވަނީ ރޭގެ މެޗު 21-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިފައިވާއިރު، ގިނަ ވަގުތު ލީޑުގައި އޮތީ ޓީއޯއެފް އެވެ. ނަމަވެސް، ވަން ޓަޗުން ވަނީ ފަހަތުން އަރައި 14-13 އިން މެޗު ކާމިޔާބުކޮށް، ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައެވެ. އެ ޓީމު މޮޅުވި ލަނޑު ޖެހީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. މި މެޗުގައިވެސް ވަން ޓަޗުން ތަފާތު ދެއްކީ ފާތިމަތު އަހުމަދެވެ.
ވަން ޓަޗާއި ބެންކޮކް ރަނިން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގައެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 9-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބެންކޮކް ރަނިންނުނެވެ.
