ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ، ޓީއޯއެފް އާއި ބެންކޮކް ރަނިންނުން ކަށަވަރުކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުތައް ކާމިޔާބުކުރުމާއެކު، މި ދެ ޓީމަށްވެސް ވަނީ ނުވަ ޕޮއިންޓު ލިބިފައެވެ. ފައިދާ ލަނޑު ތަފާތުން މިވަގުތު ބެންކޮކް ރަނިން އެއްވަނައިގައި އޮތް އިރު، އެ ޓީމުން ވަނީ ލީގު ބުރުގެ ހުރިހައި މެޗެއް ކުޅެފައެވެ. މިރޭ ވަން ޓަޗް ކައިރިން ޕޮއިންޓެއް ހޯދައިގެން، ޓީއޯއެފް އަށް ފައިނަލުގެ ޖާގަ ކަށަވަރުވާނެއެވެ. ޓީއޯއެފް ބަލިވެއްޖެނަމަ، ބެންކޮކް ރަނިންނަށް ފައިނަލުން ޖާގަ ލިބޭނެއެވެ.
އިއްޔެ ހަވީރު ބެންކޮކް ރަނިންނުން ނޯ ޗޮއިސްގެ މައްޗަށް ކުރިހޯދީ 13-7 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެންކޮކް ރަނިންގެ ލީޒާ އަބްދުލް އަޒީޒެވެ.
ޓީއޯއެފް އިން ވަނީ ފަހަތުން އަރައި 7-6 ގެ ނަތީޖާއަކުން އެޗްއެޗްބީގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީއޯއެފްގެ ޝާއިރާ އިސްމާއިލް ރަޝީދެވެ.
ލީގު ބުރުގެ ފަހު މެޗުތަކުގައި މިރޭ އެޗްއެޗްބީ ނިކުންނާނީ ނޯ ޗޮއިސް އާ ދެކޮޅަށެވެ. އަދި ވަން ޓަޗް ބައްދަލުކުރާނީ ޓީއޯއެފް އާއެވެ.



