މ.ދިއްގަރުގައި ކުރިޔަށްދާ ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތް ރޭ ފެށިއިރު، މުބާރާތުގެ ފުރަތަމަ މޮޅު ޑީސީޖޭ ސްޕޯޓްސް ކްލަބާއި ފެނަކަ ދިއްގަރު ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ.
ޖުމްލަ ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޑީސީޖޭ އާއި ރާގޮނޑި ރައިޑާސް އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ޑީސީޖޭ އިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޑީސީޖޭގެ ލަނޑުތައް ޖެހީ އިސްމާއިލް ވާއިލް އާއި މޫސާ ސަމީހު އަލީގެ އިތުރުން މުހައްމަދު ހިޝާމް އެވެ. ރާގޮނޑިގެ ލަނޑުތައް ޖެހީ ހުސައިން ފާރިޝް އާއި އަބްދުއް ރައޫފް އަހުމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޑީސީޖޭގެ ވާއިލް އެވެ.
ރޭގެ ދެވަނަ މެޗުގައި ފެނަކަ ޓީމުން ވަނީ މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމު ކަމަށްވާ ކްލަބް އަލިއެންޒާގެ މައްޗަށް 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ.
ފެނަކަ އާއި އަލިއެންޒާ ބައްދަލުކުރި މެޗުގައި ފެނަކަ ޓީމުގެ ޝަވާއިޒް މުހައްމަދު ޝިފާއު ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ އިސްމާއިލް ޒަޔާން ސުލެއިމާން އާއި އިކްރާމް ހުސައިންގެ އިތުރުން މުސް’އަބް ބިން އަހުމަދެވެ. އަލިއެންޒާގެ ހަމައެކަނި ލަނޑު ޖެހީ އަދްޔަން ބިން މުހައްމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ފެނަކަ ޓީމުގެ ޒަޔާން އެވެ.
މިއަދު ހަވީރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރާގޮނޑި ރައިޑާސް އާއި އަލިއެންޒާ އެވެ. އަދި ދެވަނަ މެޗުގައި ޑީސީޖޭ ނިކުންނާނީ ފެނަކައާ ދެކޮޅަށެވެ.



