މާލޭގައި މިހާރު ކުރިޔަށްދާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ސިންގަލްސްގެ ކޮލިފައިން ނިމި، މެއިން ޑްރޯ މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު މި މުބާރަތް ފަށާފައިވާއިރު، ފުރަތަމަ ދެ ދުވަހު ކުރިޔަށް ގެންގޮސްފައިވަނީ ސިންގަލްސްގެ ކޮލިފައިން މެޗުތަކެވެ. އޭގެތެރޭގައި، އަންހެން އަދި ފިރިހެން ޑިވިޝަނުގެ ކޮލިފިކޭޝަން މެޗުތައް ހިމެނެ އެވެ.
މިއަދު ކުރިޔަށްދިޔަ ކޮލިފައިން މެޗުތަކުގައި ރާއްޖޭގެ ހަ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. އޭގެތެރެއިން ނީމް އަހުމަދު ސަލީމް އާއި ކްލާރާ ސެރީނާ އާސިފް ވަނީ ކޮލިފައިން މެޗު ކާމިޔާބުކޮށް، މެއިން ޑްރޯ އިން ޖާގަ ހޯދާފަ އެވެ.
ކޮލިފައިންގެ ދެވަނަ ރައުންޑުގައި ނީމް ބައްދަލުކުރީ ލަންކާގެ ރަޝްމީ އޮމާޔާ ވިޖެވަރުދަނާ އާއެވެ. ނީމް ވަނީ އިދިކޮޅު ކުޅުންތެރިޔާއަށް ޕޮއިންޓެއް ނުދީ، ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 6-1 އިންނެވެ.
މެއިން ޑްރޯއަށް ކްލާރާ ކޮލިފައިވީ ރާއްޖޭގެ ޒަހާރާ ލައިލީ ޝިހާމް ބަލިކުރުމަށްފަހު އެވެ. ކްލާރާ ފުރަތަމަ ސެޓު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓު ނިންމާލީ ޒަހާރާ އަށް ޕޮއިންޓެއް ނުދީ އެވެ.
ކޮލިފައިންގެ ދެވަނަ ރައުންޑުގައި ވާދަކުރި ރާއްޖޭގެ އިތުރު ކުޅުންތެރިންނަކީ މިކާ މުހައްމަދު ކަލީމް، މަލް މުހައްމަދު، އާއިޝަތު ލިވިއާ ޚަތީރެވެ.
މުބާރާތުގެ މެއިން ޑްރޯގައި ރާއްޖޭގެ 13 ކުޅުންތެރިން ވާދަކުރާނެ އެވެ.



