އެސްޕަންޔޯލް ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ލީގުގައި ރޭ 2-0 ގެ ނަތީޖާއަކުން އެސްޕަންޔޯލް ބަލިކޮށް، ބާސެލޯނާއިން ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

މިދިޔަ ހަފުތާގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާއިން ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. މިއާއެކު، ލީގު ކަށަވަރު ކުރުމަށް އެ ޓީމަށް ބޭނުން ވެފައިވަނީ އެންމެ މޮޅެކެވެ. ރޭގެ މޮޅާއެކު އެ ޓީމުން ވަނީ 28 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

އެސްޕަންޔޯލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން އަށްވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ މޮޅު ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފައެވެ. އެއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.

މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް އެސްޕަންޔޯލްގެ ޑިފެންޑަރު، ލިއަންޑްރޯ ކަބްރޭރާ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިއާއެކު އެ ޓީމުން މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

އެސްޕަންޔޯލް އިން ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން އޭގެ ފައިދާ ނަގައި، ބާސެލޯނާއިން ވަނީ އިތުރު ވަގުތުގައި ލަނޑު ޖަހައި ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ފާމިން ލޮޕޭޒް އެވެ.

ބާސެލޯނާ އިން މީގެ ދެ އަހަރު ކުރިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީވެސް އެސްޕަންޔޯލްގެ ދަނޑުގައި އެ ޓީމު ބަލިކުރުމަށްފަހުއެވެ. މިއަހަރު އެ ޓީމުން ވަނީ އަނެއްކާވެސް އެކަން ތަކުރާރުކޮށްފައެވެ.

ބާސެލޯނާއަށް ތަށި ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ވިޔަރެއާލް އާ ދެކޮޅަށް ކުޅޭ މެޗުގައެވެ.

 

ބާސެލޯނާ ސްޕެނިޝް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ