އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފިއެވެ.
ހޮނިހިރު ދުވަހުގެރޭ ސިޓީގެ ދަނޑުގައި ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި އެބެރެޗީ އެޒޭ ވަނީ ލަނޑު ޖަހައި ޕެލަސް އަށް ކުރިހޯދަދީފައެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ކްރިސް ރިޗަޑްސް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
ސިޓީން މެޗު ކާމިޔާބުކޮށްފައިވަނީ ޕެލަސް އިން ދެ ލަނޑު ޖަހާފައިވަނިކޮށް، ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެނެވެ. އެގޮތުން، މެޗުގެ 33 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ވަނީ ލަނޑު ޖަހައި ސިޓީއަށް އުއްމީދު އައުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން އޮމަރު މާމޫޝް ވަނީ ލަނޑެއް ޖަހައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު ސިޓީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މަޓެއޯ ކޮވަސިޗް ޖެހި ލަނޑާއެކު ސިޓީން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އަދި މެޗުގެ 56 ވަނަ މިނެޓުގައި ޖޭމްސް މެކްއެޓީ ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ ޕްރިމިއާ ލީގުގެ މެޗެއްގައި ސިޓީގެ ފުރަތަމަ 11 ގައި އޭނާ ހިމެނުނު ފުރަތަމަ ފަހަރެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ސިޓީގެ ފަސްވަނަ ލަނޑު ޖެހީ ނިކޯ އޯ’ރެއިލީ އެވެ. މިއާއެކު ސިޓީން ވަނީ ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ.
ސިޓީ މިވަގުތު އޮތީ 55 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި ޕެލަސް އޮތީ 43 ޕޮއިންޓާއެކު 11 ވަނައިގައެވެ.
