ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ގާއިމްކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ސްވިމިން ޕޫލްގެ ބިންގާ އަޅައިފި އެވެ.
ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ގާއިމްކުރާ މި ސްވިމިން ޕޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ޗަމްޕާ ހުސައިން އަފީފް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރު މަލާ ހައިރައިޒިން ކޮންސްޓްރަކްޝަން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަލީ އިސްމާއިލް އާއި ކުޅިވަރާ ގުޅުންހުރި އެހެނިހެން އިސް ފަރާތްތައްވެސް މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
ހަތަރު ބުރިއަށް އިމާރާތްކުރާ މި ސްވިމިން ކޮމްޕްލެކްސްގައި 50 މީޓަރު އަދި 25 މީޓަރުގެ ދެ ޕޫލް ހިމެނޭނެ އެވެ. މީގެ އިތުރުން، ފެތުމުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް މި ކޮމްޕްލެކްސްގައި ގާއިމްކުރެވޭނެ އެވެ.
އެއްފަހަރާ 1,500 މީހުންނަށް ޚިދުމަތް ދެވޭގޮތަށް ޑިޒައިންކޮށްފައިވާ މި ކޮމްޕްލެކްސްއަކީ ރާއްޖޭގެ ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެ އެވެ. މި މަޝްރޫއު ނިމުމުން ރާއްޖޭގެ ފެތުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނުތައް ރާއްޖޭގައި ކުރިއަށް ގެންދެވޭނެ އެވެ.
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް



