އީދު ބައިބަލާ ޗެލެންޖް 1446 ގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު މިރޭ ކުޅުމަށް ތައްޔާރުވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗު މިރޭ 20:15 ގައި ފަށާއިރު، މި މެޗުގައި ބައްދަލުކުރާނީ ޓީއެފްޓީ އާއި ކްލަބް ކާސިންޖީއެވެ. އަދި ދެވަނަ ސެމީގައި ޒެޕޯ ނިކުންނާނީ ލޮރެންޒޯ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މިދިޔަ އަހަރުގެ ރަނަރަޕް ކާސިންޖީ ސެމީއަށް ދަތުރުކުރީ ބީޖީ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ. ކާސިންޖީން މެޗުގެ ފުރަތަމަ ގޭމް ކާމިޔާބުކުރިއިރު، ބީޖީން ވަނީ ދެވަނަ ގޭމް ކާމިޔާބުކޮށްފައެވެ. މިއާއެކު، މެޗު ވަނީ ގަދަ ހިފުމަކަށް ގޮސްފައެވެ. ކާސިންޖީން ވަނީ ގަދަ ހިފުން ކާމިޔާބުކޮށް، ސެމީގެ ޖާގަ ހޯދާފައެވެ.
މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީއެފްޓީ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާގައި ޓީސީ ސްޕޯޓްސް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ގޭމުގައި ބޭރުން ކުޅެ، ޓީއެފްޓީން ކާމިޔާބުކުރީ ގޭމު ނިމެން އަށް ސިކުންތައް ވެފައިވަނިކޮށެވެ. އަދި އެތެރެއިން ކުޅެ، ޓީއެފްޓީން ވަނީ ތަފާތު ދައްކައި، 19-0 އިން ކާމިޔާބުކޮށް، ސީދާ ދެ ގޭމުން ޓީސީ ބަލިކޮށްފައެވެ.
ބައިބަލާ މުބާރާތުގައި އަލަށް ބައިވެރިވި ޒެޕޯ އިން ވަނީ އަނެއްކާވެސް މޮޅު ކުޅުމެއް ކުޅެ، ކުއާޓާގައި ކުޑަ ހެންވޭރު ލަޔަންސް ބަލިކޮށްފައެވެ. ޒެޕޯ ޓީމުން މި މެޗު ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ.
ލޮރެންޒޯ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާގައި އެލްޓީ ސްޕޯޓްސް ކްލަބް، ސީދާ ދެ ގޭމުން ބަލިކުރުމަށްފަހުއެވެ.
ދެ ސެމީ ފައިނަލަށްފަހު، މުބާރާތުގެ ފައިނަލް މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭގައެވެ.



