އީދު ބައިބަލާ ޗެލެންޖް 1446 ރޭ ފެށިއިރު، ހަ ޓީމަކަށް ގަދަ 16 ބުރުން ޖާގަ ލިބި، ހަ ޓީމު މުބާރާތުން ކަޓައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަލަށް ތަރައްގީކުރި ބައިބަލާ ކޯޓުގައި ކުޅޭ މި މުބާރާތުގެ ގަދަ 16 ބުރުން އެންމެ ފުރަތަމަ ޖާގަ ލިބުނު ހަ ޓީމަކީ ޓީއެފްޓީ، ޓީއެފްޓީ ވަކަރުގެ، ކްލަބް ކާސިންޖީ، ޖަނަވަރީ ސްޕޯޓްސް ކްލަބް، ބީޖީ ނިއު ޖެނެރޭޝަން އަދި އެލްޓީ ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބް އަދި ޓީއެފްޓީ އެވެ. ޓީއެފްޓީ އިންވަނީ ސީދާ ދެ ގޭމުން ޗެމްޕިއަން ބުރު ކަޓުވާލައި، ގަދަ 16 ބުރުން ޖާގަ ހޯދާފައެވެ. މިއާއެކު ބުރު ވަނީ މުބާރާތުން ކަޓާފައެވެ.
ރޭގެ ދެވަނަ މެޗުން ޓީއެފްޓީ ވަކަރުގެ އިން ވަނީ ސީދާ ދެ ގޭމުން ދި ބައޮސް ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. އަދި ކްލަބް ކާސިންޖީ އިން ވަނީ ސީދާ ދެ ގޭމުން ކްލަބް އޯވަންއޯ ބަލިކޮށްފައެވެ.
މުބާރާތުގެ ފުރަތަމަ ގަދަ ހިފުން ފެނުނީ ޖަނަވަރީ އާއި ލިޓިލް ޓައުން ބައްދަލުކުރި މެޗުގައެވެ. މި މެޗުގައި ކޮންމެ ޓީމަކުން ވަނީ އެއް ގޭމް ކާމިޔާބުކޮށްފައެވެ. ގަދަ ހިފުން ކާމިޔާބުކޮށް، ގަދަ 16 އިން ޖާގަ ހޯދީ ޖަނަވަރީ އެވެ.
ޖަނަވަރީ އެކޭ އެއްގޮތަށް، ބީޖީ ނިއު ޖެނެރޭޝަނުންވެސް ގަދަ 16 ބުރުގެ ޖާގަ ހޯދީ ގަދަ ހިފުން ކާމިޔާބުކޮށްގެނެވެ. މި މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑުން ވަނީ އެއް ގޭމް ކާމިޔާބުކޮށްފައެވެ.
ރޭގެ ފަހު މެޗުގައި އެލްޓީ ސްޕޯޓްސް ކްލަބުން ވަނީ ސީދާ ދެ ގޭމުން ކާސިންޖާ ބަލިކޮށްފައެވެ.



