ސްޕެނިޝް ލީގުގައި ރޭ އިސްކޯގެ ލަނޑާއެކު ރެއާލް ބެޓިސް އިން 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
ބެޓިސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ވަނީ ލަނޑެއް ޖަހައި ރެއާލަށް ކުރިހޯދަދީފައެވެ. އޭގެފަހުން، ރެއާލަށް ވަނީ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި، ބޭކާރުވެފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެޓިސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި އިސްކޯ ނަގައިދިން ކޯނަރަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ ޖޯނީ ކާޑޮސޯ އެވެ.
ދެވަނަ ހާފު ފެށިގެން 54 ވަނަ މިނެޓުގައި ރެއާލްގެ އޭރިއާ ތެރެއިން ބެޓިސްގެ ޖެސޫސް ރޮޑްރިގާޒަށް އެންޓޯނިއޯ ރުޑިގާ ކުރި ފައުލަކާ ގުޅިގެން ބެޓިސް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ބެޓިސް މޮޅުކޮށްދިނީ ރެއާލްގެ ކުރީގެ ތަރި، އިސްކޯ އެވެ. އިސްކޯ ވަނީ މީގެކުރިން ނުވަ އަހަރު ދުވަހު ރެއާލަށް ކުޅެފައެވެ. ރޭގެ މެޗުގައި ބެޓިސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީވެސް އިސްކޯ އެވެ.
ރެއާލް މިވަގުތު އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަދި ބެޓިސް ވަނީ 38 ޕޮއިންޓާއެކު ހަވަނައަށް ޖެހިލާފައެވެ.