ފަހަތުން އަރައި ސްޓުޓްގާޓް ބަލިކޮށް ބަޔާން މިޔުނިކުން އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.
ސްޓުޓްގާޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 34 ވަނަ މިނެޓުގައި ލެރޯއި ސަނޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެންޖިލޯ ސްޓިލާ ވަނީ ސްޓުޓްގާޓަށް ކުރިހޯދަދީފައެވެ. ބަޔާންގެ ޒުވާން ޓީމަށް ކުޅެފައިވާ ސްޓިލާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ފުރަތަމަ ހާދުގެ ފަހު މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސަނޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ މައިކަލް އޮލީސޭ އެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 64 ވަނަ މިނެޓުގައި ލިއޯން ގޮރެޓްޒްކާ ވަނީ ލަނޑު ޖަހައި، ފުރަތަމަ ފަހަރަށް ބަޔާނަށް ކުރިހޯދަދީފައެވެ. އޭގެފަހުން، މެޗުގެ ފަހު މިނެޓުގައި ކިންގްސްލީ ކޯމަން ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.
ބަޔާން މިވަގުތު އެއްވަނައިގައި އޮތީ 61 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ބަޔާ ލެވަކޫސަން އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.