އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ތާވަލުގެ ދެވަނައިގައި އޮތް އާސެނަލް ވަނީ ރޭ ނޮޓިންހަމް ފޮރެސްޓް ކައިރިން 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މިއާއެކު، ލިވަޕޫލުން ވަނީ އޭގެ ފައިދާ ނަގާފައެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި ޑޮމިނިކް ސޮބޮސްލައި ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދަދީފައެވެ. ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުން އެލެކްސިސް މެކް އަލިސްޓާ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.
މުޅި މެޗުގައިވެސް ނިއުކާސަލްއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، އެލެކްސަންޑާ އިސާކް، އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެފައެއް ނުވެއެވެ.
ލިވަޕޫލް މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 67 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އާސެނަލް އަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.