ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި 4-1 ގެ ނަތީޖާއަކުން ހދ. ނައިވާދޫ ބަލިކޮށް، ކ. ކާށިދޫން ރާއްޖޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ކާށިދޫ ވަނީ މިއަހަރުގެ އަތޮޅު ފައިނަލުންނާއި ޒޯން ފައިނަލުން ބަލިވެފައެވެ. ނަމަވެސް، މުބާރާތް ކާމިޔާބުކޮށް، އެ ޓީމުން ވަނީ އެ ހިތި ހަނދާންތައް ފިލުވާލާފައެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު ފެށިގެން ތިންވަނަ މިނެޓުގައި އަޖުލާން އަބްދުލް ހައްނާން ވަނީ ލަނޑެއް ޖަހައި ކާށިދުއަށް ކުރިހޯދަދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ނައިވާދުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަބްދުﷲ ސުޒެއިރު އާއި އަޖުލާން ޖެހި ލަނޑާއެކު ކާށިދޫން ފުރަތަމަ ހާފު ނިންމާލީ ބޮޑު ހިތްހަމަ ޖެހުމަކާއެކުއެވެ.
ދެވަނަ ހާފުގައި ނައިވާދޫން ވަނީ ކުރިޔަށް ޖެހިގެން، ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސުޒެއިރު ވަނީ އިތުރު ލަނޑެއް ޖަހައި، ކާށިދޫއަށް މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސުޒެއިރު އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ކާށިދޫގެ އިސްމާއިލް ރަޔާން އެވެ. އެންމެ މޮޅު ކޯޗަކަށް އެ ޓީމުގެ އަލީ ހައިޝަމް (ޗުމްޕު) ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ކާށިދޫ އެވެ. އެންމެ ރަނގަޅު ސަޕޯޓިން ޓީމަކަށް، ހޮވިފައިވަނީ ނައިވާދޫ އެވެ.
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ނައިވާދޫގެ މުހައްމަދު ޝާއިން (ޝާއިންޓެ) އެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު ކާށިދޫގެ މުހައްމަދު ސަލީލަށް ލިބުނުއިރު، ގަދަ ފަސް ކުޅުންތެރިންނަކީ، ކާށިދޫގެ ސުޒެއިރާއި އަޖުލާން، ނައިވާދޫގެ އައްމަޑޭ އާއި ޔާމިން މުހައްމަދު (ޔާންޓެ) އަދި ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އެވެ. މުބާރާތުގެ ކިންގަކީ ސަލީލް އެވެ.