އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު އާސެނަލް ވަނީ ވެސްޓް ހޭމް އަތުން ބަލިވެފައެވެ. ދެވަނައިގައި އޮތް އާސެނަލް ބަލިވުމާއެކު ލިވަޕޫލުން ވަނީ ވާދަވެރި ސިޓީ ބަލިކޮށް، ފުރިހަމައަށް ފައިދާ ނަގާފައެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗު ފެށިގެން 14 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދަދީފައެވެ. އެއީ މި ސީޒަނުގައި ސަލާހު ކާމިޔާބުކުރި 30 ވަނަ ލަނޑެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ޑޮމިނިކް ސޮބޮސްލައި ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނެގުމާއެކު، ލިވަޕޫލުން ވަނީ ދެވަނަ ހާފުގެވެސް ކޮންޓްރޯލް ނަގާފައެވެ. މިއާއެކު، ސިޓީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ލިވަޕޫލަށް ވަނީ 64 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އާސެނަލް އަށް 53 ޕޮއިންޓު ލިބިފައިވާއިރު، ސިޓީއަށް ލިބިފައިވަނީ 44 ޕޮއިންޓެވެ.