ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގެ ގަދަ 16 ބުރުގެ މެޗު ކާމިޔާބުކުރުމާއެކު ކުއާޓާ ފައިނަލުގައި އއ.މަތިވެރި އާއި ގދ.ވާދޫ ބައްދަލުކުރަން ޖެހިއްޖެއެވެ،
ރޭ މަތިވެރިން ވަނީ ޕެނަލްޓީ ޖަހައިގެން 7-8 ގެ ނަތީޖާއަކުން ދ.ކުޑަހުވަދޫ ބައްދަލުކޮށްފައެވެ. އަދި ވާދޫން ވަނީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުން ހއ.ދިއްދޫގެ މައްޗަށް ކުރިހޯދާފައެވެ.
ކުޑަހުވަދޫ އާއި މަތިވެރި ބައްދަލުކުރި މެޗު ފެށިގެން ދެވަނަ މިނެޓުގައި ޖުމެއިލް ޖަމީލް (ޖުމްބެ) ވަނީ ލަނޑެއް ޖަހައި، ކުޑަހުވަދުއަށް ލީޑު ނަގައިދީފައެވެ. ހާފު ނިމުމުގެ ކުރިން މަތިވެރިއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު ފިރާޝް (ކަހޫ) އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މުހައްމަދު އަރީޝް އާއި ކީޕަރު އަބްދުލް މާނިއު ޖެހި ލަނޑާއެކު ކުޑަހުވަދޫން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މަތިވެރިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ޕަވާޕްލޭ ކުޅުމުގެ ގޮތުން، މުހައްމަދު އިމްރާން ކީޕަރަށް އަރުވާފައެވެ. އިމްރާން ވަނީ ލަނޑު ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި ފަހުވަގުތު މަތިވެރިއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު ޝަފުރާޒް އެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
މަތިވެރިން މި މެޗުގައި ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު، ކުޑަހުވަދުއަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. މަތިވެރި ޓީމުގެ ކީޕަރު އިމްރާން ވަނީ ދެ ޕެނަލްޓީ ދިފާއުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިމްރާން އެވެ.
ވާދޫ އާއި ދިއްދޫ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އަބްދުﷲ އާހިލް އަލީ ޖެހި ލަނޑާއެކު ވާދޫން ލީޑު ނަގާފައިވަނިކޮށް، ދެވަނަ ހާފުގައި ދިއްދުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހައިސަމް ރަޝީދެވެ.
ވާދޫން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު ދިއްދުއަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދިއްދޫ ޓީމުގެ ދެ ޕެނަލްޓީ ހުއްޓުވި ޒައިދާން އަހުމަދު (އަސޫ) އެވެ.



