ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތަރެއްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 7-5 ގެ ނަތީޖާއަކުން އއ. މަތިވެރި ބަލިކޮށް، އދ. މަހިބަދޫން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއަހަރުގެ މުބާރާތުގެ ޒޯން ބުރުގައި މި ދެ ޓީމު ކުރިން ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެނެވެ. ރޭގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވަނީ 3-3 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި މަތިވެރީގެ ލަނޑުތައް ޖެހީ މުހައްމަދު ސަފުރާޒް، އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) އަދި އަލީ އަލްސަން އެެވެ. އަދި މަހިބަދޫގެ ލަނޑުތައް ޖެހީ ބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އާދަމް ފަހުމާން އަދި އިބްރާހިމް އުސާމާ ހަސަން މަޖީދު އެވެ.
މަހިބަދޫން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ބިޗަޑް އާއި އުސާމާގެ އިތުރުން، ސުއައިދު ސައީދު އާއި ގާސިމް ސައްމާމު އެވެ. މަތިވެރިން ޕެނަލްޓީ ކާމިޔާބުކުރެވުނީ ސަފުރާޒްގެ އިތުރުން، އަހުމަދު ފިރާޝް (ކަހޫ) އަށެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބިޗަޑް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މަންދޫގެ އާދަމް އިމްރާން (އިންމި) އެވެ.
ގަދަ 16 ބުރުގައި މަހިބަދޫ ނިކުންނާނީ ފ. ދަރަނބޫދޫއާ ދެކޮޅަށެވެ. އަދި މަތިވެރި ބައްދަލުކުރާނީ ދ. ކުޑަހުވަދޫއާ އެވެ.



