އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކޯޑީ ގަކްޕޯގެ ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން އިޕްސްވިޗް ޓައުން ބަލިކޮށް ލިވަޕޫލުން ލީޑު ދަމަހައްޓައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި އިބްރާހިމާ ކޮނާޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޑޮމިނިކް ސޮބޮސްލައި ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދަދީފައެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ލިވަޕޫލުން ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިވަޕޫލަށް ލަނޑު ޖަހައިދިނީ ގަކްޕޯ އެވެ.
ދެވަނަ ހާފު ފެށިގެންވެސް ލިވަޕޫލުން ކުޅުނީ އިތުރު ލަނޑުތަކެއް ޖެހުމަށެވެ. އެގޮތުން، މެޗުގެ 66 ވަނަ މިނެޓުގައި ގަކްޕޯ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު މިނެޓުގައި އިޕްސްވިޗްގެ ހަމައެކަނި ލަނޑު ޖެހީ ޖެކޮބް ގްރީވްސް އެވެ.
އެއް މެޗު މަދުން ކުޅެ ލިވަޕޫލް އެއްވަނައިގައި އޮތީ 53 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އާސެނަލް އޮތީ 47 ޕޮއިންޓާއެކުއެވެ.